އެމްޕީއެލް ސަރަހައްދުން މުދައު ނެރެދޭ ބައެއް މަޖޫރީން އެމީހުންގެ އަގުތައް ބޮޑުކުރަމުން ގެންދާތީ ބައެއް ވިޔަފާރިވެރިން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
މައުލޫމާތުދިން ބައެއް ވިޔަފާރިވެރިން ބުނީ ކުޑަކުޑަ ޕާޕަރު ކޭހެއް ވިއަސް ބިސް ކޭހެއް ނަމަވެސް ބައެއް މަޖޫރީން މިހާރު ނެރެދެނީ 30 ރުފިޔާއަށް ކަމަށެވެ. އަދި ފިޔާ ބަސްތާއެއް ނެރެދެނީ 50 ރުފިޔާއަށް ކަމަށާއި މިއީ ވަރަށް ބޮޑު އަގުތަކެއް ކަމަށެވެ.
"އަހަރެމެން މިކަމުގެ ޝަކުވާ ކޮށްފިނަމަ މުދައުކޮޅު ނެރެވެސް ނުދޭނެ. އެތާހުރެ ކުނިވާނީ. އެހެންވެ ޝަކުވާ ވެސް ކުރެވޭކަށް ނެތް. މިގޮތަށް އަގުތައް އުފުލިގެން ދިއުމުން މުދަލަށް ހިނގާ ޚަރަދު ބޮޑުވެ މުދަލުގެ އަގު އުފުލޭނެ. އެއީ އަހަރެމެން ބޭނުންވާ ގޮތެއް ނޫން. ފިޔާ ލޮރީއެއް ސަރަހައްދުން ބަރުކޮށްލަދެނީ 4000 ރުފިޔާއަށް. ލޮރީ އަގު އެބަ ދައްކަން ޖެހޭ މިނިޓަކަށް 7 ރުފިޔާ. ގަޑިއަކު 420 ރުފިޔާ."
ވިޔަފާރިވެރިން ބުނަނީ މަޖޫރީ އަގު މިހައި މައްޗަށް ދިއައީ އަހަރީ ފީ ވެސް ނަގައި ކުންފުނިތަކަށް ދޫކޮށްފައިވާ ހުއްދަތަކަށް ކުންފުނީގެ މުވައްޒިފުން ވެއްދުން ހުއްޓާލައި ވައްދާ މަޖޫރީންގެ އަދަދު ލިމިޓްކޮށް އަދި ހަމަ އެކަނި ދިވެހިން ވައްދަން ފެށުމުން ކަމަށެވެ.
އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ ސަރަހައްދަށް ވައްދާ މަޖޫރީންގެ އަދަދު މަދުކުރީ ރައްކައުތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. މަޖޫރީން މަސައްކަތްކުރާ އަގަކީ އެމްޕީއެލް އިން ބެހޭ ކަމެއް ނޫން ކަމަށެވެ.
ރައްކައުތެރިކަމުގެ ގޮތުން ސަރަހައްދަށް ވައްދާ މަޖޫރީންގެ އަދަދު މަދުކުރުމަކީ މަސައްކަތްކޮށްދޭ އަގު އުފުލިގެންދާ ސަބަބަކަށް ވެއްޖެ ނަމަ އެކަމުގެ ގެއްލުން ލިބޭ ފަރާތްތަކަކީ ފިހާރަތަކުން ތަކެތި ގަންނަ ޢާންމު ރައްޔިތުންކަން ފާހަގަކުރެވެއެވެ. އެހެންކަމުން މިފަދަ ދަތި ދުވަސްވަރެއްގައި އިކޮނޮމިކް މިނިސްޓްރީން ނަމަވެސް މިފަދަ މައްސަލަތައް ޙައްލުކޮށް ދިނުމަކީ ތަކެތީގެ އަގު ހެޔޮވުމަށް ފުރުޞަތުލިބިގެންދާނެ ކަމެއްކަން ވެސް ފާހަގަކުރެވެއެވެ.