ވަކިވަކި ވެބްސައިޓްތަކަށް ވަންނަންޖެހޭ ދުވަސް މާޒީއަށް؛ ސަރުކާރުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް

މިއަދު
ކިޔުމަށް ހޭދަވާނީ 7މ 10ސ
ވަކިވަކި ވެބްސައިޓްތަކަށް ވަންނަންޖެހޭ ދުވަސް މާޒީއަށް؛ ސަރުކާރުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް

ވަކި ޚިދުމަތަކަށް ޒިންމާވާ މިނިސްޓްރީއެއް ނުވަތަ އިދާރާއެއް ކުރިއާލަާ އެނގެން ނުޖެހި، ސަރުކާރުގެ އެތައް ވުޒާރާއެއްގެ ވެބްސައިޓްތަކަކަށް ވަންނަން ނުޖެހި، ސަރުކާރުގެ އިދާރާއަކަުން އެމީހަކު ބޭނުންވާ ކަމެއް އިންޓަނެޓުން ހޯދާލުންހާ ފަދަ ފަސޭހަ ކަމަކަށް ސަރުކާރުގެ ޚިދުމަތްތައް ހޯދުން ވެއްޖެނަމަ، ވާނީ ކިހިނަކުންކަން ތަސައްވަރު ކުރެވޭ ހެއްޔެވެ؟ އުނދަގޫ އޮޅުންބޮޅުން ނިޒާމުތަކުގެ ތެރެއިން ރައްޔިތުން ސަރުކާރުގެ ޚިދުމަތްތަކަށް ވާސިލިވިމަށް މަގުހޯދުމުގެ ތަކުލީފު އުފުލުމުގެ ބަދަލުގައި، ރައްޔިތުންގެ ބޭނުންތަކަށް ފެތޭގޮތަށް، ރައްޔިތުންގެ ނަޒަރިއްޔާއިން ސަރުކާރުގެ މަސައްކަތްތައް ބައްޓަންވެފައިވާ ނަމަ ވާނީ ކިހިނެއްހެއްޔެވެ؟

މިއީ ޤައުމީ ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާ ކަމަށްވާ "މޯލްޑިވްސް 2.0"ގެ 6 ވަނަ ތަނބުގެ ދަށުން ސަރުކާރުން ރައްޔިތުންނަށް ޑިޖިޓަލީ ފޯރުކޮށްދޭ ޚިދުމަތްތަކުގެ ނިޒާމުގެ ކުރިއަށް އޮތް މަރުޙަލާ ބައްޓަންކުރާ މައިގަނޑު އަސާސީ ސުވާލުތަކެވެ. މި މަގުޗާޓުގެ 6 ވަނަ ތަނބު ކަމަށްވާ "ރައްޔިތުންނަށް ލުއިފަސޭހަ އަދި ވިޔަފާރިތަކާ ރަހްމަތްތެރި ޑިޖިޓަލް ޢާންމު ޚިދުމަތްތައް" ފޯރުކޮށްދިނުމުގެ ތަޞައްވުރަކީ، ސަރުކާރުގެ ވެބްސައިޓްތަކާއި، އިދާރާތަކުގެ މަޢުލޫމާތާއި، ޚިދުމަތްތައް ޑިޖިޓަލީ އެއްފުރާޅުކުރެވި، ރައްޔިތުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް އަމާޒުކޮށްގެން ޢާންމު ޚިދުމަތްތައް ފަރުމާކުރުމެވެ.

ސަރުކާރުގެ އިދާރީ ހިންގުމުގެ އޮނިގަނޑަކީ ރައްޔިތުންނާއި ރަހުމަތްތެރި ވިޔަފާރިތަކަށް ފަހި، ރެޑް ޓޭޕް ނަތްތާލެވި، ޒިންމާދާރު ގޮތުގައި އަވަސް އަދި ލުއި ފަސޭހަ ޚިދުމަތެއް ޑިޖިޓަލީ ފޯރުކޮށްދިނުމަށް ފައްކާކުރެވިފައިވާ ނިޒާމެއްކަން ކަށަވަރުކުރުމެވެ.

ސަރުކާރުގެ މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތް މައިންޑްކޯއިން އެންމެ އިސް ސަފުގައި އޮވެގެން ކުރަމުންދަނީ، ޑިޖިޓަލް ޕްލެޓްފޯމްތައް ތަރައްޤީކުރުމާއި، އިދާރާތަކުގެ ގުޅުން ބަދަހިކުރުމާއި، އަދި ރައްޔިތުންނާ ސީދާ ގުޅިގެން މަސައްކަތްކުރުމަށް ކުންފުންޏަށް މިހާތަނަށް ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައެވެ.

'ވަންގަވް' ގެ ބިންގަލުން ޑިޖިޓަލް ސަރުކާރުގެ އެއް ވިޔުގައަކަށް

މައިންޑްކޯއިން ފަރުމާކޮށް އޮޕަރޭޓްކުރަމުންދާ 'ވަންގަވް' (oneGov) ޕްލެޓްފޯމް ޖުލައި 2023 ގައި އިފްތިތާހުކުރުން ހިމެނިގެން ގޮސްފައިވަނީ ޑިޖިޓަލް ސަރުކާރެއް ޤާއިމުކުރުމުގެ ދަތުރުގައި ދިވެހިރާއްޖެއިން ޙާޞިލުކުރި މުހިންމު ލަނޑުދަނޑިއަކަށެވެ. މީގެ ސަބަބުން، ޕްލެޓްފޯމްގައި ބައިވެރިވާ ސަރުކާރުގެ އިދާރާތަކުގެ ޚިދުމަތްތައް ހޯދުމަށް އެ އިދާރާތަކަށް ހާޒިރުވުމާއި ޒަމާންވީ އިދާރީ މަރުޙަލާތައް މަދުކުރެވި، ކޮންމެ ވަގުތަކުވެސް އޮންލައިންކޮށް ޚިދުމަތް ހޯދޭނެ ބިންގާ އެޅިގެން ދިޔައެވެ.

ނަމަވެސް، ޚިދުމަތްތައް ޑިޖިޓަލްކުރުމަކީ ވަށާޖެހޭ ޑިޖިޓަލް ސަރުކާރެއްގެ ތަޖުރިބާ ޤާއިމުކުރުމުގެ އެއް ބަޔެވެ. ސަރުކާރުގެ އިދާރާތަކުގެ މަޢުލޫމާތާއި ވެބްސައިޓްތައް ވަކި ވަކި ޕޯޓަލްތަކުގެ ގޮތުގައި ބެހިފައި ހުރުމުން، ބޭނުންވާ ކަމަކާއި ގުޅުންހުރި މަޢުލޫމާތު ހޯދުމަށްޓަކައި އެކަމާ ޒިންމާވާ އިދާރާ ދެނެގަނެ، ތަފާތު ޑިޖިޓަލް މަންސަތަކާއި އުޞޫލުތަކުގެ ތެރެއިން ކުރިއަށްދިއުމުގެ އުނދަގޫ ތަޖުރިބާއަކީ ގިނަ ރައްޔިތުން މިއަދުވެސް ކުރިމަތިލާންޖެހޭ އެއް ހަޤީޤަތެވެ.

މި ކަންކަން ޙައްލުކުރުމަށް އަދި ޑިޖިޓަލް ސަރުކާރެއްގެ ތަޖުރިބާ ހެޔޮ ފާލަށް ގެނައުމަށްޓަކައި މައިންޑްކޯއިން ކުރާ އެންމެ މުހިންމު އެއް މަސައްކަތަކީ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ މަޢުލޫމާތާއި ޚިދުމަތްތައް ހޯދުމުގެ ތަޖުރިބާ އެއް މިންގަނޑަކަށް ގެނައުމަށް ކުރެވޭ ބުރަ މަސައްކަތެވެ. ޚިދުމަތް ފޯރުކޮށްދެނީ ކޮންމެ އިދާރާއަކުން ކަމުގައި ވިޔަސް، އެކަށައެޅިފައި އޮންނަ އެއް މިންގަޑެއްގެ ދަަށުން މަޢުލޫމާތު ހޯދުމާއި ޚިދުމަތަށް އެދި ހުށަހެޅޭނެ އިންތިޒާމު ފަހިވުމުން، ސަރުކާރުގެ ޑިޖިޓަލް ޚިދުމަތްތަކާއި މެދު ޢާންމުންނަށް ސާފު އަދި އިތުބާރު ހުރި ތަޖުރިބާއެއް ލިބުމަށް މަގުފަހިވެގެން ދާނެއެވެ.

ރައްޔިތުންނާއި އިދާރާތައް ގުޅިގެން ޑިޖިޓަލް ސަރުކާރުގެ ތަޖުރިބާ ބައްޓަންކުރުން

ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފަރުމާކުރުމަށްޓަކައި ހަމައެކަނި ޓެކްނޮލޮޖީ ޒަމާނީކޮށް ތަރައްޤީކުރުމަކުން ނުފުދެއެވެ. އެކަމަށްޓަކައި ރައްޔިތުންނަށް ދިމާވާ ޙަޤީޤީ ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދައިދިނުން މުހިއްމެވެ. ސަރުކާރުގެ ޑިޖިޓަލް ޚިދުމަތުގެ ތަޖުރިބާތަކަށް ހައްލު ހޯދުމުގަޔާއި ޑިޖިޓަލް ޚިދުމަތްތައް އެއްފުރާޅުކުރުމުގައި ވީހާވެސް ގިނަ ފަރާތްތެކެއް ބޭނުންތަކާއި، ޚިޔާލާއި މަޝްވަރާ ހޯދުމަށް ގިނަ ހަރަކާތްތަކެއް މައިންޑްކޯއިން 2026 ގެ ތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިގޮތުން މަސްލަހަތުވެރިންގެ ބައިވެރިވުން ހިމެނޭގޮތަށް މި އަހަރުގެ ތެރޭގައި ބޭއްވުނު އަންނަނިވި މަޝްވަރާ ބައްދަލުވުންތައް ފާަހަގަކޮށްލެވެއެވެ.

އިދާރާތަކުގެ އެއްބާރުލުމާއި ބައިވެރިވުން އިތުރުކުރުމަށް އަމާޒުކޮށް ބޭއްވުނު ބައްދަލުވުންތައް: 2026 ވަނަ އަހަރުގެ ފުރަތަމަ އަދި ދެވެނަ ކުއަރޓައިގައި މައިންޑްކޯއިން ކުރިއަށްގެންދިޔަ "ކޯ-ކްރިއޭޓިންގ" ސިލްސިލާ މަސައްކަތު ބައްދަލުވުންތަކާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފިސަރުންނާއެކު ކުރެވުނު މަޝްވަރާތަކުން، އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިވެ، މަޢުލޫމާތު ތަރުތީބުކުރުމާއި، ޚިދުމަތްތައް ޑިޖިޓަލްކޮށް ލުއިފަސޭހަކޮށް ފޯރުކޮށްދިނުމުގައި އިސް ފަސްކުރަންވީ ކަންކަން ދެނެގަނެވި، ސަރުކާރުގެ ޚިދުމަތްތަކާއި މަޢުލޫމާތު އެއް ފުރާޅުކުރުމުގެ މަސައްކަތްތައް ތަރުތީބުކޮށް ކުރިއަށް ގެންދިއުމުގައި ފާަހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދިފައެވެ.

މުޖުތަމަޢުގައި ހިމެނޭ ނާޒުކު ފަރާތްތައް ޝާމިލުކޮށް އެފަރާތްތަކުގެ ބޭނުންތައް ދެނެގަތުން : ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލް ޒަރީޢާއިން ފޯރުކޮށް ދިނުމުގެ މަސައްކަތް ރޯޑްމެޕްގެ ދަށުން ކުރެވެމުންދާ އިރު، އެއްވެސް ފަރާތެއް ބާކީ ނުވާކަން ޔަޤީންކުރުމަށް، އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި ގޮންޖެހުންތައް ކުރިމަތިވާ ފަރާތްތަކުގެ މަޝަވަރާ ހޯދުމަށް 2026 ގައި "އިސްރަށްވެހިންގެ ނާދީ" ގައި އިސްރަށްވެހިންނާއެކު ބޭއްވުނު ބައްދަލުވުންތަކުން، ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އެބޭފުޅުންނަށް ދިމާވާ ދަތިތަކާއި، ޑިޖިޓަލް ހޭލުންތެރިކަމުގެ އެކި ފެންވަރުގެ މީހުންނަށް ފަސޭހަވާނެހެން ޚިދުމަތްތައް ފަރުމާކުރުމުގެ މުހިންމުކަމާއި، ޑިޖިޓަލް ކުރެވިފައިވާ ޚިދުމަތްދިނުމުގެ ވެއްޓެއްގައި އެފަދަ ދުވަސްވީ ފަރާތްތަކަށް ބޭނުންވާ ހޭލުންތެރިކަމާއި ތަމްރީނުތައް ހާމަވެގެންދިޔައެވެ.

ޑިޖިޓަލް ޕްލެޓްފޯމްތަކަށް އަހުލުވެރިނޫން އިސްރަށްވެއްސަކަށް އޮންލައިން މަރުޙަލާތައް ފަސޭހަވުމާއި، މާލެއިން ބޭރުގައި ދިރިއުޅޭ ރައްޔިތަކަށް ޚިދުމަތަކަށް އެދިހުށަހަޅަންޖެހޭ ކޮންމެ ފަހަރަކު ބޭކާރު ދަތުރުތައް ނުކޮށް ޞައްޙަ މަޢުލޫމާތު ލިބުމާއި، ވިޔަފާރިވެރިއަކަށް ބޭނުންވާ ހުއްދަތައް ހޯދުމަށް އަމަލުކުރަންވީ ގޮތް އަވަހަށް ދެނެގަނެވުމަކީ، ޙަޤީޤީ ބޭނުންތަކަށް އަމާޒުކޮށްގެން ޑިޖިޓަލް ނިޒާމުތައް ފަރުމާކުރުމުގެ މުހިންމުކަން ދައްކުވައިދޭ މިސާލުތަކެވެ.

ޑިޖިޓަލް އެއް މަންސައަކުން މުޅި ސަރުކާރުގެ ޚިދުމަތް ފޯރުކޮށްދިނުން

'ވަންގަވް'ގެ ބިންގަލުގެ މައްޗަށް ބިނާކޮށް މިހާރު ތަރައްޤީކުރެވޭ ޕޯޓަލް ގެ އަމާޒަކީ، ސަރުކާރުގެ ވެބްސައިޓްތަކާއި މަޢުލޫމާތާއި ޚިދުމަތްތައް އެއް ވިޔުގައަކުން ގުޅުވާލުމެވެ. އޭރުން ސަރުކާރާއި ގުޅުންހުރި ކަންކަމުގައި ރައްޔިތުން އެތައް ވެބްސައިޓަކަށް ވަނުމުގެ ބަދަލުގައި، އިތުބާރުހިފޭ ސަރުކާރުގެ މައި އެއް ޕޯޓަލްއަކުން ބޭނުންވާ ކަމެއް ހޯދާލެވި، ސަރުކާރުގެ އޮނިގަނޑު އޮތް ގޮތް އެނގެން ނުޖެހި ސީދާ ކަމާގުޅޭ ޚިދުމަތަށް ވާސިލުވުމަށް މަގުދައްކައިދޭނެއެވެ.

ޑިޖިޓަލް ސަރުކާރަކުން ޚިދުމަތް ހޯދުމުގެ ތަޖުރިބާ މިހާރަށްވުރެ ރަނގަޅުކުރުމަށް ގެނެވޭ މި ބަދަލުން ވަކިވަކި އިދާރާތަކުގެ ޒިންމާތަކާއި ބާރުތަކަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ. ވަކި ވަކި ވުޒާރާތަކާއި އިދާރާތަކުން އެފަރާތްތަކުގެ މެންޑޭޓާއި، ޑޭޓާ އަދި މަޢުލޫމާތު ބެލެހެއްޓުމުގެ ކަންކަން ކުރިއެކޭ އެއްގޮތަށް ކުރިއަށްގެންދާއިރު، ދިވެހި ބަހާއި އިނގިރޭސި ބަހުން ބޭނުންކުރެވޭގޮތަށް، އެއް މިންގަނޑަކަށް ފަރުމާކޮށްފައިވާ، ބޭނުންކުރަން ފަސޭހަ ޑިޖިޓަލް އެއް މަންސައެއްގެ ތެރެއިން ޢާންމުންނަށް ފަރިތަކަމާއިއެކު ޚިދުމަތް ލިބިގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.

ދެންނެވުނު މައި އެއް ޕޯޓަލް ފަރުމާކޮށް ތަރައްޤީކުރުމުގެ މަސައްކަތުގެ ބޮޑު ބަޔެއް ނިމިފައިވާއިރު، މައިންޑްކޯއިން މިހާރު މަސައްކަތްކުރަމުންދަނީ ކައިރި މުސްތަޤްބަލެއްގައި މި ޕޯޓަލް ލައިވްކޮށް، އޭގެ ލުއިފަސޭހަކަން ރައްޔިތުންނާއި ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށެވެ.

މޯލްޑިވްސް 2.0 ގެ ތަޞައްވުރުގެ އަމާޒުތައް ޙަޤީޤަތަކަށް ހެދުން

މައިންޑްކޯއިން ކުރަމުންދާ މި ހުރިހާ މަސައްކަތްތައް އެކުވެގެން ބައްޓަންކޮށްދެނީ، ހަމައެކަނި ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލްކުރުމަށްވުރެ މާ ފުޅާ ތަޞައްވުރެކެވެ. ޑިޖިޓަލް ޕްލެޓްފޯމްތަކާއި، އިދާރާތަކުގެ އެއްބާރުލުމާއި، މުޖުތަމަޢުގެ ބައިވެރިވުމާއި، އަމަލުކުރާނެ އެއްގޮތް މިންގަނޑުތަކުގެ މައްޗަށް މި ބިނާކުރެވެނީ، މިހާރު އޮތް ސަރުކާރުގެ އުނދަގޫ އިދާރީ ނިޒާމުތަކުގެ ތެރެއިން ރައްޔިތުން މަގުހޯދުމުގެ ބަދަލުގައި، ރައްޔިތުންގެ ބޭނުންތަކަށް ފެތޭގޮތަށް ފަރުމާކުރެވިފައިވާ ޑިޖިޓަލް ސަރުކާރެއްގެ މުސްތަޤުބަލެވެ.

މިއަދު އޮންލައިން