ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ރޭގެ ވަގުތެއްގައި ވަޑައިގެންނެވި އިރު ގެންދެވި ކަޅު ދަބަހުގައި ފައިސާ ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރަމުންދާ ތުހުމަތުތައް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ހަރުކަށި އިބާރާތުން ދޮގުކުރައްވައިފިއެވެ. މިނިސްޓަރު ވިދާޅުވީ އެ ދަބަހަކީ އާރަށުގައި ފުޓްބޯޅަ ކުޅުއްވުމަށްފަހު، އެ ކުޅިވަރު ސާމާނު އަޅުއްވައިގެން ގެންދެވި ދަބަހެއް ކަމަށެވެ.
މި މައްސަލަ ފެންމަތިވީ ރޭގެ ވަގުތެއްގައި މިނިސްޓަރު މުއްތަލިބު ކަޅު ދަބަހެއް ހިއްޕަވައިގެން މަޖިލީހުގެ އިދާރާއަށް ވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ. އެއާއެކު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ބައެއް ފަރާތްތަކުން ވަނީ އެ ދަބަހުގައި ހުރީ ފައިސާ ކަމަށް ތުހުމަތުކޮށް ވާހަކަތައް ފަތުރަން ފަށާފައެވެ.
އެ ތުހުމަތުތަކަށް ރައްދު ދެއްވައި މިނިސްޓަރު ނެރުއްވި ބަޔާނުގައި ވިދާޅުވީ، މަޖިލީހުގެ އިދާރާއަށް ބަންޑާރަ ނައިބު އަހުމަދު އުޝާމާއެކު ވަޑައިގަތީ މަޖިލީހުގެ ބައެއް މެންބަރުންގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. އެ ބައްދަލުވުމަކީ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭގޮތުން މެންބަރުން އޮޅުންފިލުއްވަން ބޭނުންފުޅުވި ކަންކަން ސާފުކޮށްދެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، އެ ބައްދަލުވުން ހަމަޖެހިފައި އޮތް ގަޑިއާ އެ މަނިކުފާނު އާރަށުގައި ފުޓްބޯޅަ ކުޅުއްވުމަށްފަހު މާލެ ވަޑައިގެންނެވި ގަޑިއާ ދިމާވުމުން، ލޯންޗުން ފައިބައިވަޑައިގެންނެވި ގޮތަށް ކުޅިވަރު ސާމާނު އަޅާފައިވާ ދަބަސް ހިއްޕަވައިގެން ސީދާ މަޖިލީހަށް ވަޑައިގަންނަވަން ޖެހުނީއެވެ.
މަޖިލީހުގެ ސެކިއުރިޓީ ނިޒާމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މަޖިލީހުގެ އިދާރާއަކީ ދިވެހި ސިފައިން ސެކިއުރިޓީ ބަލަހައްޓާ، ސީސީޓީވީ ކެމެރާތަކާއި، ބޮޑީ ސްކޭނަރުގެ އިތުރުން ދަބަސް ސްކޭން ކުރާ މެޝިންތައް ހުންނަ ތަނެއް ކަމަށެވެ. އަދި ދައުލަތުގެ ވަޒީރުންނަށް ވެސް އެ އިދާރާއަށް ވަދެވެނީ އައިޑީ ކާޑުގެ ކޮޕީ ފޮނުވައިގެން ކުރިން ހުއްދަ ހޯދައި، ކަނޑައެޅިފައިވާ ހުރިހާ ސެކިއުރިޓީ ޗެކްތަކެއް ފުރިހަމަކޮށްގެން ކަމަށްވާތީ، ދަބަހުގައި ފައިސާ ހުރި ކަމަށް ބުނެ ދައްކަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.