އިމިގްރޭޝަން ޤާނޫނާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ އަސްލެއް ނެތް ވާހަކަތަކެއް: ވަޒީރު އިޙުސާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
އިމިގްރޭޝަން ޤާނޫނާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ އަސްލެއް ނެތް ވާހަކަތަކެއް: ވަޒީރު އިޙުސާން

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިމިގްރޭޝަންގެ އާ ބިލުގައި "ރެސިޑެންޓް ވިސާ" ގެ ނަމުގައި އެއްވެސް ވިސާއެއް ނުހިމެނޭނެ ކަމަށާއި، މިކަމާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނަށް ގެންނަ އިސްލާޙެއް ކަމަށް ދައްކައިގެން ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވާހަކަތަކެއްގެ ޙަޤީޤަތް ސާފުކޮށްދެއްވައި ޙިއްޞާކުރެއްވި މެސެޖެއްގައެވެ.

ވަޒީރު އިޙުސާން ފާހަގަކުރެއްވި ގޮތުގައި، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިޔުންތަކަކީ މޯލްޑިވްސް އިމިގްރޭޝަނުން އެއްވެސް އިރެއްގައި ޤާނޫނަށް އިސްލާޙު ގެނައުމަށް ވިސްނާފައިވާ ނުވަތަ ހުށަހަޅާފައިވާ އިބާރާތްތަކެއް ނޫނެވެ. އަދި އެއީ އެއްވެސް އަސާސެއް ނެތް ބުހުތާނު ވާހަކަތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން މިހާރު މަޖިލީހަށް ފޮނުވާފައިވަނީ ޢާންމު އިސްލާޙެއް ނޫން ކަމަށާއި، އެއީ 50 ޞަފްޙާގެ މައްޗަށް އެކުލެވިގެންވާ މުޅިން އާ އިމިގްރޭޝަން ޤާނޫނެއްކަން ވަޒީރު ބަޔާންކުރެއްވިއެވެ. އެހެންކަމުން، ސޯޝަލް މީޑިއާގައި އަޑުފަތުރަމުންދާ ފަދަ "ރެސިޑެންޓް ވިސާ" އެއް އެ ބިލުގައި އެއްގޮތަކަށްވެސް ނުހިމެނޭނެ ކަމަށް ވަޒީރު ވަނީ ތަކުރާރުކޮށް ކަށަވަރުކޮށްދެއްވާފައެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަނަކީ ޤައުމީ ސަލާމަތާއި ޢާންމު ރައްޔިތުންގެ މަޞްލަޙަތާ ގުޅިފައިވާ ނާޒުކު އަދި ޙައްސާސީ މަސައްކަތްތަކެއް ކުރާ މުއައްސަސާއަކަށް ވާތީ، އެފަދަ އިދާރާތަކުގެ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ނުބައި ތަޞައްވުރެއް އުފެދޭ ގޮތަށް ދޮގު މަޢުލޫމާތު ނުފެތުރުމަށް ވަޒީރު އިޙުސާން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން