ރަމަޒާން މަހަށް ތައްޔާރުވުމުގެ ގޮތުން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އެންމެ ބޮޑު އެއް ޕްރޮމޯޝަން ކަމަށްވާ "އެސްޓީއޯ ރަމަޒާން ބާޒާރު" ރަސްމީކޮށް ފަށައިފިއެވެ. މި އަހަރުގެ ޕްރޮމޯޝަން ކުރިއަށްދާނީ މާރިޗު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަން ރަސްމީކޮށް އިފްތިތާޙު ކުރުމަށްޓަކައި ބޭއްވި ޚާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވީ މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމެވެ.
މި އަހަރުގެ ރަމަޒާން ބާޒާރުގެ ދަށުން ޚާއްސަކުރެވިފައިވާ ގިނަ އުފެއްދުންތަކަކުން %50 އާ ހަމައަށް ބޮޑެތި ޑިސްކައުންޓުތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ކޮންމެ ދެ ހަފުތާއަކުން އެއްފަހަރު، 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ދެ ފަރާތަކަށް 2،500 ރުފިޔާގެ ގިފްޓް ވައުޗަރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި 5،000 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ޚާއްސަކޮށްގެން، ވަގުތުން އިނާމު ލިބޭ "ހަދިޔާ ގުޅި" އިން އަގުހުރި ހަދިޔާތަކެއް ހޯދުމުގެ ފުރުސަތުވެސް މި ޕްރޮމޯޝަނުގައި ވަނީ ހުޅުވާލާފައެވެ.
މި ޕްރޮމޯޝަންގެ އެންމެ ޚާއްސަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ކަނޑައަޅާފައިވަނީ 100،000 (އެއްލައްކަ) ރުފިޔާ ގެ ފައިސާގެ އިނާމެކެވެ. ޕްރޮމޯޝަންގެ މުއްދަތު ނިމުމުން، ވިޔަފާރިކޮށްގެން ލަކީޑްރޯގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް މި ބޮޑު ފައިސާގެ އިނާމު ލިބިގެންދާނެއެވެ.