ރަށްރަށުގައި ދެމުންދާ ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމާއި މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައި، ނ. މާފަރާއި ފޮއްދޫގައި އިމާރާތްކުރި ފުލުހުންގެ މަރުކަޒު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
އެ ދެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.
އެ ދެ ރަށުގެ ތެރެއިން، މާފަރު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައިވަނީ 2025 ޖުލައި 21 ވަނަ ދުވަހުއެވެ. ފޮއްދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައިވަނީ 2025 ޖުލައި 23 ވަނަ ދުވަހުއެވެ. މި ދެ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ.
މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މީގެކުރިން ޕޮލިސް ސްޓޭޝަންތައް ހުޅުވުނު ރަށްރަށުން ފެނިގެންދިޔަ ވަރަށް ރިވެތި ނަމޫނާތަކަކީ، އެ ރަށްރަށުގެ ކުށުގެ މާހައުލު ބަދަލުވެ އަދި ކުށްކުރުން މަދުވެފައިވާ ކަމަށެވެ. “ހާއްސަކޮށް މި ހިސާބުގައި ގެވެށި އަނިޔާގެ މައްސަލަތަކާ އެއްޗެހި ރިޕޯޓުކުރެވޭލެއް ގިނަ. މި ބާވަތުގެ ކަންކަމަށް ވަރަށް ޕޮޒިޓިވް އިމްޕެކްޓެއް އައިސްފައި އެބަހުރި. ވަރަށް ބޮޑުތަނުން ކުޑަވެފައި އެބަހުރި. އެހެން ރަށްރަށުގައި އަމިއްލަ ސްޓޭޝަން ހަދައިގެން މަސައްކަތް ފެށި ހިސާބުން. އެހެންވީމާ، އަޅުގަނޑު އެ ދެން، މި ރަށުގައި ވެސް އެ ރޫހުގައި، މި ރަށުގައި ތިއްބަވާ ފުލުހުން އެ ގޮތުގައި އެ މަސައްކަތްތައް ކޮށްދެއްވުމަށް”. ވަޒީރުވިދާޅުވިއެވެ.
ހަމައެހެންމެ، ރައްޔިތުންނާ ގުޅިގެން ވީހާވެސް ގާތުން ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިލެއްވިއެވެ. އަދި މުޖުތަމައު ތެރޭގައި އޮންނަންޖެހޭ ހަމަޖެހުން އެންމެ ފުރިހަމައަށް ގާއިމުވެގެންދާނީ ރައްޔިތުން ވެސް ފުލުހުންނާ އެކުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށާއި، ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ބޭނުންވާ މައުލޫމާތުތައް ގަވާއިދުން ފޯރުކޮށްދިނުމާއި، ފުލުހުންނަށް ދިމާވާ ކަންކަމުގައި އެހީތެރިކަންދިނުމާއި، ފުލުހުންނަށް އެދޭ ހާލަތުގައި އަދި ފުލުހުންގެ ހިދުމަތަށް އެދޭ ހާލަތުގައި ވީހާވެސް އަވަހަކަށް އެ ހިދުމަތްތައް ހޯދުމަށް ރައްޔިތުންގެ ކިބައިން އެދިލެއްވިއެވެ.
މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި. ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ދެއްކެވި ވާހަކަ ފުޅުގައި، ނ. އަތޮޅުގައި އެންމެ ފުރަތަމަ ފުލުހުންގެ މަރުކަޒެއް ގާއިމުކޮށްފައިވަނީ 1999 ވަނަ އަހަރު ކަމަށާއި އޭރު ފުލުހުންގެ ސްޓޭޝަންތައް އަތޮޅުތެރޭގައި ނެތްކަމަށް ވިދާޅުވިއެވެ. އަދި 2026 ވަނަ އަހަރުގެ މިއަދާ ހަމައަށް އައިއިރު އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުން ތިބެގެން ހިދުމަތް ދެމުންދާކަމަށާއި، ފުލުހުން ބޭނުންވާގޮތަށް ޑިޒައިންކޮށްގެން ފުލުހުންގެ މަރުކަޒުތައް ހުޅުވަމުންދާކަމަށް ވިދާޅުވިއެވެ.
ކޮމިޝަނަރ އިތުރަށް ވިދާޅުވީ ފުލުހުންގެ އިމާރާތްތަކާއި މުވައްޒަފުންނާއެކު ލިބޭ ކުރިއެރުމާއި ވަސީލަތްތަކާ އެއްވަރަށް ފުލުހުންގެ ފަރާތުންދޭ ހިދުމަތުގެ ފެންވަރު ވެސް މިއަދަށްވުރެ ރަނގަޅުކުރުމަށާއި، މަސައްކަތް ކުރަންތިބި ފުލުހުން އިތުރު ވިސްނުންތައް ހޯދައި ދެނެގަނެގެން މުއައްސަސާ ލެވެލްގައި، ރައްޔިތުން އެންމެ ގަޔާވާ، ޝައުގުވެރިވާނެ ފަދަ ހުރިހާ ގޮތްތަކެއް ހޯދައިގެން ފުލުހުންގެ ހިދުމަތް ފުޅާކުރުމަށެވެ.
ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި، ރީޖަން ކޮމާންޑަރާއި، އަތޮޅު ކޮމާންޑަރުންގެ އިތުރުން އާރުޑީސީއާއި، ދެ ރަށުގެ ކައުންސިލު މެންބަރުންނާއި، ރަށުގެ އެކި މުއައްސަސާތަކުގެ ވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ހަބަރު: ޕޮލިސް