މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ބ. ގޮއިދޫ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި، އެ ރަށަށް ދިމާވެފައިވާ ތިމާވެއްޓާއި ހަކަތައާ ގުޅުންހުރި މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ގޮއިދޫގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައަށްޓަކައި ހައްލުކުރަންޖެހިފައިވާ މުހިންމު މައްސަލަތަކުގެ މައްޗަށެވެ. އެގޮތުން، ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި، ގޮއިދޫގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މީގެއިތުރުން، ރަށުގެ ކުނި މެނޭޖުކުރުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތަކާއި، މިހާރު އެ ރަށުގައި ކުރިއަށްދާ ކަރަންޓުގެ އެކި މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލުން ވަނީ މިނިސްޓްރީއާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމަކީ ރަށްރަށުގައި ހުރި މިފަދަ ކަންބޮޑުވުންތައް ގާތުން ބައްލަވައި، އެކަންކަމަށް ދެމެހެއްޓެނިވި އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. މިނިސްޓްރީން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް އެކަށީގެންވާ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ހަބަރު: ސަރުކާރު