ހުރިހާ ރައްޔިތުން އެއްފަހަރާ ޓެސްޓްކުރުމުގެ ނަތީޖާ ރަނގަޅެއް ނުވާނެ!: ޑރ. ޢަބްދުﷲ ޢަފީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ހުރިހާ ރައްޔިތުން އެއްފަހަރާ ޓެސްޓްކުރުމުގެ ނަތީޖާ ރަނގަޅެއް ނުވާނެ!: ޑރ. ޢަބްދުﷲ ޢަފީފް

ކޮރޯނާ ވައިރަސް އާއި ގުޅިގެން ޤައުމުގެ ހުރިހާ ރައްޔިތުން އެކުގައި އެއްފަހަރާ ޓެސްޓް ކުރުމަކީ ބޭކާރު ކަމެކެވެ. އެކަމުން ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ. 

ލިބޭނެ އެންމެ ބޮޑު އެއް ގެއްލުމަކީ އެވަގުތު ޓެސްޓުން ޕޮޒިޓިވް ނުވި ނަމަވެސް ފަހުން ޕޮޒިޓިވްވަމުން އަންނައިރު ޓެސްޓް ކުރުމުން ލިބޭ ޔަޤީންކަމުގައި ޑޮކްޓަރުން ދެއްވާ އިރުޝާދުތަކަށް ޢަމަލު ކުރަން ނުޖެހޭނެ ކަމަށް ޤަބޫލުކުރެވި ފަރުވާ ކުޑަކުރެވުމެވެ. އެކަމުގެ ސަބަބުން ބަލިޖެހުމަށާއި ބަލި އިތުރަށް ފެތުރެން ފަސޭހަވުމެވެ. 

އެންމެ ރަނގަޅު ގޮތަކީ ޓެސްޓްކުރަން ޖެހޭ މީހުން ޓެސްޓް ކުރަމުން ގެންދިއުމެވެ. އެކަމަށް ބޭނުންވާ ވަސީލަތްތައް ހަމަޖެހިފައި ހުރުމެވެ. ރާއްޖޭގައި އެހައިވަރަށް ވަސީލަތް އަދި އެބަހުއްޓެވެ.

- ޑރ. ޢަބްދުﷲ ޢަފީފް   

ރާއްޖޭގައި ކޮރޯނާ ފެތުރެމުން މިދާ ބާރުމިނަށް ބަލައި ޗައިނާ ފަދަ ޤާބިލުކަން ހުރި ޤައުމެއްގެ އެހީތެރިކަމުގައި ރާއްޖޭގައި ޓެސްޓްކުރުމުގެ ޤާބިލުކަން އިތުރުކުރަން މަސައްކަތްކުރުމުގެ މުހިންމުކަން ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.   

"ޗައިނާގެ ވާހަކަ ދައްކަން ޖެހެނީ ލިބެމުންދާ ޚަބަރުތަކަށް ބަލާއިރު ޗައިނާއިން މިހާރުވެސް ވަނީ މިލިއަނެއްހައި ޓެސްޓް ކިޓް އިންޑިއާއަށް ފޯރުކޮށްދީފައިވުމާއި އެންމެފަހުން ފޯރުކޮށްދިން 3 ލައްކައަށްވުރެ ގިނަ ޓެސްޓް ކިޓްތައް ބޭނުންވި އިންޑިއާގެ ސްޓޭޓްތަކަށް ފޯރުކޮށް ދިނީ ޗައިނާގެ ފްލައިޓުތަކުގައި އެ ސްޓޭޓްތަކަށް ހިފައިގެން ގޮސް" ކަން ވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.    

މީގެ އިތުރުން ޗައިނާއަށް ލިބިފައިވާ ޤާބިލުކަމާއި ދެ ޤައުމުގެ މެދުގައި އޮތް ގާތް ގުޅުމަށް ބަލައިފިނަމަ ޓެސްޓްކުރާނެ ވަސީލަތްތައް ހިފައިގެން ޓިމުތައް އައިސް ޓެސްޓްކޮށްލައި ދިނުމުގެ ފުރުޞަތުވެސް ލިބިދާނެ ކަމުގެ އުންމީދު ވަރަށް ބޮޑުކަން ގިނަ ބައަކު ފާހަގަކުރެއެވެ. 

ސަރުކާރުން މިހާރުވެސް ގެންދަނީ ޓެސްޓްކުރަން ޖެހޭ އެންމެން ޓެސްޓްކުރަމުންނެވެ. ނަމަވެސް ވަސީލަތްތައް ހުރި ގޮތުން ލަސްވަމުން އަންނަކަން ޑރ. ޢަލީ ލަޠީފް ރޭ ވަނީ ފާހަގަކުރައްވައިފައެވެ. އަދި ވަރަށް ގިނަ އަދަދެއްގެ ޓެސްޓް ކިޓްތައް ލިބޭނެ މަގުތައް މިހާރުވެސް ފަހިކޮށްފައިވާކަންވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ޓެސްޓް ކުރާނެ އިތުރު މެޝިނެއް އެސްޓީއޯ މެދުވެރިވެގެން އަންނަ މަހު ލިބޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

 

 

މިއަދު އޮންލައިން