އެންމެންނަށްވެސް ދަތިކަން ކުރިމަތިވެފައިވާ މިފަދަ ވަގުތެއްގައި ކުއްޔަށް ތަންތަން ހިފައިގެން ތިބި މީހުންނަށް ކުލި ނުދެއްކުނު ނަމަވެސް މީހުން މަގުމައްޗަށް ނެރެ މަގުމަތި ނުކުރުމަށް ސަރުކާރުން އެދިއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވީ ލޮކްޑައުންގެ މިޙާލަތުގައި މީހުން މަގުމައްޗަށް ނެރުނު ނަމަވެސް އެމީހުންނަށް ދާނެ ތަނެއްވެސް ނުހޯދޭނެ ކަމަށާއި އެހެންކަމުން ކުއްޔަށް ދޫކޮށްގެން ތިބި ފަރާތްތަކުން ވެސް މިފަދަ ޙާލަތުގައި އެއްބާރުލުން ދީ އެހީތެރިވެދިނުމަށް ސަރުކާރުން އެދޭ ކަމަށެވެ.
މަބްރޫކް ވިދާޅުވީ މަގުމަތި ކުރި ބައެއް ފަރާތްތަކަށް މިހާރުވެސް ސަރުކާރުން އެހީތެރިވެދީފައިވާ ކަމަށާއި އެފަދަ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ ޖެންޑަރ މިނިސްޓްރީގެ 1412 އަށް ގުޅުމަށް ވެސް މަބްރޫކް ވަނީ އެދިވަޑައިގެންފައެވެ.
މަބްރޫކް ވިދާޅުވީ މިއަދުގެ ޙާލަތުގައި ކޮންމެ މީހަކު ވެސް މަސައްކަތްކުރަންވީ އެމީހަކަށް ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް އަނެކާއަށް ފޯރުކޮށްދޭން ކަމަށެވެ.