ފުލުހުން ހުއްދަ ދީފައިވާ ހުރިހާ ފިހާރަތައް ހެނދުނު 9 އިން ފެށިގެން ހުޅުވާނެ!: އިކޮނޮމިކް މިނިސްޓްރީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 58ސ
ފުލުހުން ހުއްދަ ދީފައިވާ ހުރިހާ ފިހާރަތައް ހެނދުނު 9 އިން ފެށިގެން ހުޅުވާނެ!: އިކޮނޮމިކް މިނިސްޓްރީ

 

 

ފުލުހުން ހުއްދަ ދީފައިވާ ފިހާރަތައް މާދަމާ އިން ފެށިގެން ހިދުމަތް ދޭން ހަމަ ޖެހިފައިވާ ވަގުތުތަކުގައި ގުޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.


އިކޮނޮމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާދަމާ ހެނދުނު 9:00 އިން ދަންވަރު 12 ޖެހުމާއި ހަމައަށް އެ ފިހާރަތަކުން ހިދުމަތް ދޭނެ ކަމަށެވެ.


މިޮހައި ގިން ވަގުތުތަކެއްގައި ޚިދުމަތްދޭން ސަރުކާރުން ނިންމާފައި މިވަނީ ޑެލިވަރީތައް ލަސްވުމާއި 2،3 ދުވަފަހުން ގުޅުމުން ކެންސަލްވެފައިވާ ކަމަށް ބުނުމާއި ފިހާރަތއް ނުހުޅުވުމުގެ މައްސަލައިގައި ކުރިމަތިވެފައިވާ ދަތިކަން ޙައްލުކުރުމަށެވެ.



މާދަމާ ފިހާރަތަކަށް ދާން ނުކުމެވޭނީ ފުލުހުންގެ ހުއްދަ ލިބިގެން ކޮންމެ ގެއަކުން އެކަކަށް އެއްގަޑިއިރަށެވެ. އުލެންޖެހޭނީ ހުއްދަ ދީފައިވާ ސަރަހައްދުތަކުގައި ފައިމަގުގައެވެ.


ތިރީގައި މިވަނީ މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީންކޮށްފައިވާ ވަރަށް މުހިންމު އިއުލާނެކެވެ.



ޟަރޫރީ ބޭނުންތައް ފުއްދުމަށް ގޭބިސީތަކުން ބޭރަށް ނުކުމެ ވިޔަފާރިކުރުމަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކާއި، ފިހާރައާއި ކަސްޓަމަރުން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު
______________________________________


އިޢުލާން


ޟަރޫރީ ބޭނުންތައް ފުއްދުމަށް ގޭބިސީތަކުން ބޭރަށް ނުކުމެ ވިޔަފާރިކުރުމަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކާއި، ފިހާރައާއި ކަސްޓަމަރުން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު


ޤާނޫނު ނަންބަރު: 2012/7 (ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކުރުމާ ގުޅިގެން، ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ މުއްދަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް ނުވަތަ ކަމާބެހޭ ފަރާތުގެ ހުއްދައެއްގެ ދަށުން ޟަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފިހާރަތަކަށް ކަސްޓަމަރުން ގޮސް، ޚިދުމަތް ހޯދުމަށް، 22 އެޕްރިލް 2020 އިން ފެށިގެން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ، ހެނދުނު 09:00 އިން ދަންވަރު 00:00 އާ ދެމެދުގައެވެ. ކޮންމެ ނަމާދު ވަގުތަކަށް 15 (ފަނަރަ) މިނެޓަށް ފިހާރަ ބަންދުކުރަންވާނެއެވެ.


މޯލްޑިވްސް ޕޮލިސް ސަރވިސް ނުވަތަ ކަމާބެހޭ ފަރާތުގެ ހުއްދައެއްގެ ދަށުން ޟަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފިހާރަތަކާއި، ފިހާރަތަކުން ތަކެތި ގަންނަ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންކަމާއި، ރައްކާތެރިވުމުގެ ގޮތުން ޢަމަލުކުރަންވީ އިރުޝާދުތައް ތިރީގައި ބަޔާންކޮށްފައިވާނެއެވެ.


1- ފިހާރައަކަށް ދިޔުމަށް ގެއިން ނުކުތުމުގެ ކުރިން އަންނަނިވި ކަންކަމަށް ސަމާލުކަންދިނުން:


(ހ) އޮންލައިންކޮށް ތަކެތި ގަނެވޭނަމަ، އެގޮތް އިޚްތިޔާރުކުރުން؛


(ށ) މުދާ ވިއްކާ ފިހާރައަކީ ދުރާލާ ގުޅައިގެން އޯޑަރުދެވޭ އިންތިޒާމް ހަމަޖެހިފައިވާ ފިހާރައެއްނަމަ، ދުރާލާ ގުޅައިގެން އޯޑަރު ދިނުމަށްފަހު ފިހާރައަށް ދިޔުން؛


(ނ) ފިހާރަތަކުން މުދާ ގަތުމަށް ހުއްދަ ލިބިފައި ވީނަމަވެސް، ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ނުނުކުތުމަށް ސަމާލުކަންދިނުން؛


(ރ) ބަލިވެ އުޅޭނަމަ ނުވަތަ ބައްޔެއްގެ ޢަލާމާތް ހުރި ފަރާތްތަކުން ފިހާރަތަކަށްނުދިޔުން؛


(ބ) އެއްގޮތަކަށްވެސް ކުޑަކުދިން ފިހާރަތަކަށް ނުގެންދިޔުން؛


(ޅ) ކޮންމެހެން ނުކުންނަންޖެހިގެން ނޫނީ ދޮށީ އުމުރުގެ މީހުން އަދި ދިގު މުއްދަތަށް ބޭސްކުރާ މީހުން ބޭރަށް ނުނުކުތުން؛


(ކ) ގެއިން ނުކުތުމުގެ ކުރިން، ގަންނަންޖެހޭ ތަކެތީގެ ލިސްޓެއް ދުރާލާ އެކުލަވާލުން އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދޫކޮށްފައިވާ ގްރޯސަރީ ޝޮޕިންގ ގެ ޕަރމިޓް ނަންބަރު އެލިސްޓުގެ ކަނާތް ފަރާތު މަތީ އަރިމަތީގައި ލިޔުމަށް ސަމާލުކަންދިނުން؛


(އ) މަގުމައްޗަށް ނުކުމެ އުޅޭއިރު، ހުރިހާ ވަގުތެއްގައިވެސް މަދުވެގެން 1 މީޓަރުގެ ގައިދުރުކުރުން ބެހެއްޓުން.



2- ފިހާރައިން ތަކެތި ގަތުމުގައި އަންނަނިވި ކަންކަމަށް ސަމާލުކަންދިނުން:


(ހ) ފިހާރަ ބޭރުގައި ކިއު ހަދަންޖެހިއްޖެނަމަ، މަދުވެގެން 1 މީޓަރުގެ ގައިދުރުކުރުން ބެހެއްޓުން؛


(ށ) ތަކެތި ގަތުމުގައި ބާސްކެޓް ނުވަތަ ޓްރޮލީ ބޭނުންކުރާނަމަ، އެތަކެތި ހުރީ ޑިސްއިންފެކްޓް ކޮށްފައިތޯ ކަށަވަރުކުރުން؛


(ނ) ފިހާރައަށް ދާން ނުކުންނަންވާނީ ސައިބޯނި ލައިގެން އޮތްދޮވެގެންނެވެ. އަދި އިޚްތިޔާރުކުރަނީ ސެނިޓައިޒްކުރަންނަމަ، އަމިއްލަ ސެނިޓައިޒަރ ޚިޔާރުކުރުން؛


(ރ) ފިހާރަތެރޭގައި ހުންނަ ތަންތަނުގައި ނުވަތަ ސަރފެސްތަކުގައި އަތްނުލުމަށް ސަމާލުކަންދިނުން؛


(ބ) ގަންނަން ބޭނުންވާ މުދަލުގައި އެކަނި އަތްލުމަށް ސަމާލުކަންދިނުން؛


(ޅ) ފިހާރަތެރޭގައި މީހުންނާ މުޢާމަލާތްކުރުމަށް މަޑުނުކުރުން؛


(ކ) ފިހާރަތަކުން ގަންނަ މުދަލަށް ފައިސާ ދެއްކުމުގައި އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމްތައް ޚިޔާރުކުރުން؛


(އ) ފިހާރައިން ނުކުމެ، ސެނިޓައިޒަރ ބޭނުންކޮށްގެން ދެއަތްތިލަ ސެނިޓައިޒްކުރުން އަދި ސެނިޓައިޒްކުރުމުގައި އަމިއްލަ ސެނިޓައިޒަރ ޚިޔާރުކުރުން.


3- ފިހާރަތަކުން ޚިދުމަތް ދިނުމުގައި އަދި ކަސްޓަމަރުންނަށް އިންތިޒާމްތައް ހަމަޖެއްސުމުގައި އަންނަނިވި ކަންކަމަށް ސަމާލުކަންދިނުން:


(ހ) ބަލީގެ އަލާމާތެއް ހުރި އެއްވެސް މުވައްޒަފަކު ވަޒީފާއަށް ނެރެގެންނުވާނެއެވެ.


(ށ) ފިހާރައިގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް ޚިދުމަތްދޭ ގަޑީގައި ހުންނަންވާނީ މާސްކު އަޅައި އަންގިލައްވައިގެންނެވެ. އަދި އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަންދޭންވާނެއެވެ.


(ނ) ފިހާރައަށް ކަސްޓަމަރުން ދިޔުމުގެ ކުރިން، ފޯނުން ގުޅައިގެން އޯޑަރ ދެވޭނެ ނިޒާމެއް ޤާއިމްކުރެވޭނަމަ، އެނިޒާމް ޤާއިމްކޮށްގެން ޚިދުމަތް ދިނުމަށް އިޚްތިޔާރުކުރުން؛


(ރ) ކަސްޓަމަރު އަންނަ ގަޑިއަށް މުދާ ތައްޔާރަށް ބެހެއްޓުމަށް ސަމާލުކަން ދިނުން؛


(ބ) ފިހާރައަށް ޚިދުމަތް ހޯދަން އަންނަ ކޮންމެ ކަސްޓަމަރަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޭ ގްރޯސަރީ ޝޮޕިންގ ޕަރމިޓް ލިބިފައިވާ ފަރާތެއްކަން ކަށަވަރުކުރަންވާނެއެވެ. އަދި ޚިދުމަތް ހޯދާ ކަސްޓަމަރަށް ދޫކޮށްފައިވާ ހުއްދައިގެ ތަފްޞީލު ލިޔުމުން ނުވަތަ އިލެކްޓްރޯނިކް ވަޞީލަތެއްގައި އެފިހާރައަކުން ރެކޯޑްކޮށް، ބަލަހައްޓަންވާނެއެވެ.


(ޅ) ފިހާރަތަކުން ގަންނަ ތަކެއްޗަށް ފައިސާ ދެއްކުމުގައި އޮންލައިން އިންތިޒާމްތައް ހަމަޖެހިފައިވާކަން ކަށަވަރުކުރުން. އަދި އެކައުންޓައް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް (ބޭންކް ޓްރާންސްފަރ) ހަމަޖެހިފައިވާނަމަ، އެކައުންޓްގެ ތަފްޞީލު ފަސޭހައިން ފެންނާނެހެން ފިހާރަތަކުގައި ޑިސްޕްލޭކޮށްފައި ބެހެއްޓުން؛


(ކ) ނިސްބަތުން ކުދި ފިހާރަ (ކަންމަތީ ފިހާރަ) ތަކުން ޚިދުމަތް ދިނުމުގައި ގިނަ ކަސްޓަމަރުން އެއްފަހަރާ ފިހާރައިގެ ތެރެއަށް ވެއްދުމުގެ ބަދަލުގައި މަދުމަދުން ކަސްޓަމަރުން ވެއްދުމަށް އިޚްތިޔާރުކުރާށެވެ. އަދި މިގޮތުން އިޚްތިޔާރުކުރުމުގައި އެއްފަހަރާ އެކުގައި ވަދެ އުޅޭ ކަސްޓަމަރުންނަށް މަދުވެގެން 1 މީޓަރުގެ ގައިދުރުކުރުން ބެހެއްޓޭނެ ފަދަޔަކުން ކަސްޓަމަރުން ވެއްދުމަށް އިންތިޒާމްތައް ހަމަޖައްސަންވާނެއެވެ.


(އ) ނިސްބަތުން ބޮޑެތި ފިހާރަތަކުން ޚިދުމަތް ދިނުމުގައި ގިނަ ކަސްޓަމަރުން އެއްފަހަރާ ފިހާރައިގެ ތެރެއަށް ވެއްދުމުގެ ބަދަލުގައި މަދުމަދުން ކަސްޓަމަރުން ވެއްދުމަށް އިޚްތިޔާރުކުރާށެވެ. އަދި މިގޮތުން އިޚްތިޔާރުކުރުމުގައި އެއްފަހަރާ އެކުގައި ވަދެ އުޅޭ ކަސްޓަމަރުންނަށް މަދުވެގެން 1 މީޓަރުގެ ގައިދުރުކުރުން ބެހެއްޓޭނެ ފަދަޔަކުން ކަސްޓަމަރުން ވެއްދުމަށް އިންތިޒާމްތައް ހަމަޖައްސަންވާނެއެވެ.


(ވ) ކޮންމެ ދުވަހެއްގެވެސް ވިޔަފާރި ވަގުތު ނިމުމުން، ފިހާރައިގެ ތަޅުންގަނޑާއި ކަސްޓަމަރުންގެ އަތްޖެހޭ ސަރފަސްތައް ރަނގަޅަށް ޑިޓޯލް ނުވަތަ ސައިބޯނި ފެނުން ޑިސްއިންފެކްޓްކުރަންވާނެއެވެ.

4- ފިހާރަތަކުން ތަކެތި ގަތުމަށްފަހު އަންނަނިވި ކަންކަމަށް ސަމާލުކަންދިނުން:


(ހ) ތަކެތި ގަތުމަށްފަހު ލަސްނުކޮށް ފިހާރައިން ނުކުމެގެން ގެޔަށްދިޔުން. އަދި ގެއަށްދާ މަގުމަތީގައި ތަންތަނުގައި އަތްނުލައި މަދުވެގެން 1 މީޓަރުގެ ގައިދުރުކަން ބަހައްޓަން ސަމާލުކަންދިނުން:
(ށ) ތަކެތި ގަނެދިނީ ކަމާބެހޭ ފަރާތުން ދޫކޮށްފައިވާ ހުއްދައިގައި ހިމެނޭ ސަރަޙައްދުގައިވާ އެހެން ގޭބިސީއަކަށްނަމަ، އެތަކެތި ގެންގޮސް ޙަވާލުކުރުމުގައި، އެމީހެއް ދިރިއުޅޭ ތަނެއްގެ ދޮރު ކައިރީ ގެންގޮސް ތަކެތި ބެހެއްޓުން؛


(ނ) ފިހާރައިން ގެނައި ކޮތަޅުން ތަކެތި ނެގުމަށްފަހު، ކޮތަޅު ޑަސްބިނަށްލުމަށް ސަމާލުކަންދިނުން.
(ރ) ސައިބޯނި ލައިގެން އަތް ދޮންނަށް ޚާއްޞަ ސަމާލުކަމެއްދިނުން އަދި ސާފުތާހިރުވުން؛
(ބ) ފިހާރައިން ގަތް ތަކެތީގެ ބޭރު ރަނގަޅަށް ސާފުކުރުމަށްފަހު ފްރިޖްގަޔާއި އެހެނިހެން ތަންތަނުގައި ބެހެއްޓުމަށް ސަމާލުކަންދިނުން؛


ވީމާ، ޟަރޫރީ ބޭނުންތައް ފުއްދުމަށް ގޭބިސީތަކުން ބޭރަށް ނުކުމެ ވިޔަފާރިކުރުމަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކުގައި ވިޔަފާރިކުރާއިރު، ފިހާރައާއި ކަސްޓަމަރުން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކޮށް، ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.


21 އޭޕްރިލް 2020

 

ފޮޓޯ ސޯސަލް މީޑިޔާ

މިއަދު އޮންލައިން