ކޮރޯނާ ފެތުރޭ ސަބަބުތަކުގެ ތެރެއިން އެންމެ ނުރައްކައުތެރި އެއް ސަބަބު ރާއްޖޭގައި ވެސް އެބައޮތެވެ. އެއީ ބަލީގެ އެއްވެސް ޢަލާމާތެއް ނެތް މީހުން ބައްޔަށް ޕޮޒިޓިވްވަމުން ދިއުމެވެ.
މިސަބަބަށްޓަކައި ޖަރުމަނުގައި ބަލި ކޮންޓްރޯލުކުރަން އެޅި އެންމެ މުހިންމު އެއް ފިޔަވަޅަކީ ރެންޑޮމްކޮށް ގޭގެއަށް ގޮސް ސާމްޕަލް ނަގަމުން ގެންދިއުމެވެ. އަދި ޚާއްޞަ މަރުކަޒުތަކެއް ހަދައި މީހުން މަޑުކުރުވައިގެން ސާމްޕަލް ނެގުމެވެ. ނިޔުޔޯކް ޓައިމްސް ފަދަ ބޮޑެތި ބައެއް ނޫސްތަކުގައި ޑޮކްޓަރުން ވަނީ އެއީ ވަރަށް ކާމިޔާބު ކަމެއްކަން ފާހަގަކޮށް ރިޕޯޓްތައްވެސް ލިޔެފައެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޢަލީ ލަޠީފް ވިދާޅުވީ ރާއްޖޭގައި ވެސް މިހާރު ފެތުރެމުން މިދާ ކޮރޯނާ ބަލި ކޮންޓްރޯލް ކުރުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅަކީ ތެދުހެދުން ކަމަށާއި އެހެންކަމުން ޕޮޒިޓިވްވާ ނުވަތަ ބައްޔާއި ގުޅިގެން ސުވާލުކުރެވޭ މީހުން، ސީދާ އެމީހުންނާއި ބައްދަލުވާ މީހުންގެ ތެދު މައުލޫމާތު ހާމަ ކުރުމަކީ ކޮންމެ ހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
ޑރ. ޢަލީ ލަޠީފް ވިދާޅުވީ ބަލީގެ އަލާމަތްތައް ފެނުމުން ތެދަށް އެ މައުލޫމާތުތައް ހިއްސާ ކުރުމަކީ ބަލި ކޮންޓްރޯލުކުރަން ކުރާ މަސައްކަތްތަކަށް އެންމެ ބޮޑަށް އެހީތެރިކަން ލިބޭނެ ކަންތައް ކަމަށެވެ.