ކޮރޯނާ ވައިރަސް ރާއްޖޭގައި މިހާރު ފެތުރެމުން މިދާ ޙާލަތުގައި މިއީ ކޮންމެހެން ނުކުންނަން މަޖުބޫރުވެގެން ގެއިން ނުކުތް ނަމަވެސް އެނބުރި ގެއަށް ވަނުމަށްފަހު އަތްފައި ދޮވުމުގެ އިތުރުން ލައިގެން ހުރި ހެދުން ބާލައި އެހެން މީހުންގެ ތަކެއްޗާއި ވަކިކޮށް އަދި ފެންވަރަންވެސް ޖެހޭ ހާލަތު ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
މަބްރޫކް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ މާލެއިން މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 51 އަށް އެރުމުންނާއި މިއަދު ޕޮޒިޓިވްވި ބަންގްލަދޭޝް 14 މީހުންނާއި އިންޑިއާ 2 މީހުންނަކީ މާލޭގެ ގެތަކަށް ޒިޔާރްތްކޮށް އޭސީ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދީ އަދި މުދައު ޑެލިވަރީ ކުރުމަށް ގޭގެއަށް ގޮސް އުޅުނު ބައަކު ކަމުގައިވުމުންނެވެ.
ޑރ. ޝީނާ ވަނީ ކޮރޯނާއަށް ޕޮޒިޓިވް 100 ވަރަކަށް އެއިރުވެސް ތިބެދާނެކަމަށް މީގެ 2 ރޭ ކުރިން ތުހުމަތު ކުރައްވައިފައެވެ. އަދި އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
ލޮކްޑައުންގެ މިހާލަތުގައި ޑެލިވަރީ އޯޑަރުތައް ވީހައި މަދުކުރަން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ޑެލިވަރީ ކުރަން ދާ މީހުންނަކީ ކޮންމެ ދުވަހަކު އެތައް ގެތަކަކަސް ދާނެ ބައަކަށްވުން ކަމުގައިވެސް ފާހަގަކުރެވެއެވެ.