މިއީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މާލެއިން ލ. ކައްދޫ އަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއްގެ ތެރޭގައި ހިނގި ހާދިސާއެކެވެ.
މާލެއިން މިމަހުގެ 15 ވަނަ ދުވަހު ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި މީހަކު އިންކަމަށް މައުލޫމާތުދީ، ފްލައިޓު އަނބުރާލާ އަލުން ޖެއްސުވުމުގެ ސަބަބުން އެތައްބަޔަކު ވަނީ އެމައުލޫމާތު ކަމާއިބެހޭ މުއައްސަސަތަކާއި ހިއްސާކުރި ޑރ. ސާރިއު އަލިދީދީ އަށް ފުރައްސާރަކޮށް މައްލަވަކޮށްފައެވެ.
އެގޮތުން އެފްލައިޓުގައި ތިބި އެހެން ޕަސިންޖަރުންތަކެއް ޑރ. ސާރިއުއަށް ފުރައްސާރަކޮށް އޭނާގެ ފޮޓޯނަގާ، އެއީ ދޮގުވެރިއެއް ކަމަށް ވެސް ބުނެ މީސް މީޑިއާގައި ވަނީ އެފޮޓޯތައް ހިއްސާ ކޮށްފައެވެ.
ޑރ. ސާރިއުގެ ދިފާއުގައި އިއްޔެ މެޑިކަލް ބޯޑުން ވެސް ވާހަކަ ދައްކާ، ޑޮކްޓަރުގެ އަބުރުކަތިލި މީހުން ކުށްވެރި ކޮށްފައިވީ ނަމަވެސް، ކަންހިނގި ގޮތުގެ ހަގީގަތް އާއްމުންނަށް އެންމެ ފުރަތަމަ ހާމަކޮށްދީފައިވަނީ އެވަގުތު އެފްލައިޓުން ދަތުރުކުރި އެހެން އަންހެނެކެވެ. އޭނާ ވަނީ މިކަން ވަރަށް ގާތުން ދެކި، މިހާދިސާ ލޮލުން ދެކި އަތުން ހިފާފައެވެ.
ވަފީ މުޙައްމަދު އޭނާގެ ފޭސްބުކްގައި މިހާދިސާ ވަރަށް ތަފްސީލުކޮށް ލިޔަމުން ބުނެފައިވަނީ އެއީ އެކަން އަސްލު ހިނގި ގޮތް ކަމަށާއި ފްލައިޓު އަނބުރާލަން ޖެހުނީ އޭނާގެ ފަހަތުގައި އިން އަންހެނަކު ފޯނުން ދެއްކި ވާހަކައެއްގެ ސަބަބުން ކަމަށެވެ.
"އޭނަ އިނީ ވަފީގެ ފަހަތުގަ އެހެންވެ ފޯނުން ދެއްކި ވާހަކަ ވަރަށް ސާފުކޮށް އިވުނު. ކޮންމެވެސް މީހަކާއި ފޯނުން ވާހަކަ ދައްކަމުން އޭނަ ބުނީ އެޕޮްޒިޓިވްވި ކުއްޖާއަކީ ތިމަންނައާއެކީ އެއް އޮފީހެއްގަ އުޅޭ ކުއްޖެއްގެ ފަހަރިއެކޭ، ތިމަންނަމެންގެ އޮފީހަށް ވެސް އެކުއްޖާއައޭ އެހެންވެ ތިމަންނާ ވެސް ދާގޮތަށް މިދަނީ ހޮސްޕިޓަލަށް ދާށޭ" ވަފީ އޭނަގެ ޕޯސްޓުގައި ލިޔެފައިވެއެވެ.
އެއަންހެންމީހާ ވަރަށް ހަމަޖެހިލާފައި ޖޯޝާއި ފޯރީގަ އެވާހަކަ ދެއްކި ނަމަވެސް، އެވާހަކަތައް އަޑުއަހާފަ ވަފީވެސް ވަރަށް ބިރުގަތް ކަމަށާއި، އަންހެން މީހާ ދެއްކި ވާހަކަތައް ވަފީގެ ކައިރީގަ އިން މީހާ ޑރ. ސާރިއު އަށް ހިއްސާ ކުރި ކަމަށް ވަފީ ބުންޏެވެ.
އެހެންކަމުން ޑރ. ސާރިއު އެމައުލޫމާތު ޑޮކްޓަރުގެ ސީނިއަރ މީހުންނާއި ހިއްސާ ކުރިއެވެ. އަދި ފްލައިޓު އަނބުރާ ޖެއްސިއެވެ.
ޑޮކްޓަރުގެ އެއަމަލަކީ ކުށެއް ނޫނެވެ. އެއީ ޑޮކްޓަރެއްގެ ހައިސިއްޔަތުން އެންމެންގެ ރައްކަލަކަށްޓަކައި އޭނާ އެޅި ރަނގަޅު ފިޔަވަޅެކެވެ. މިކަމުގައި ކުށްވެރިވަނީ މިފަދަ ހައްސާސް ދަނޑިވަޅެއްގައި މިކަންވެސް ޖޯކަކަށްނަގާ ދޮގު ވާހަކަ ދެއްކި އަންހެން މީހާއެވެ.