ބައަކު ގެއިން ނުކުމެ ބޭރުގައި އުޅޭތީ ނުވަތަ ތަންތަނަށް އެއްވާތީ އެފަދަ ކަމެއް ނުކުރާށެވެ! އެމީހެއްގެ ޢާއިލާ އާއި އެމީހެއްގެ ސަލާމަތްކަން ހޯދަން މަސައްކަތްކުރުމަކީ އެމީހެއްގެ ވާޖިބެކެވެ.
އެޗްޕީއޭ އިންނާއި ޑޮކްޓަރުން އަދި ސަރުކާރުގެ އިދާރާތަކުން އަންގާ އެންގުންތަކަށް މިހައިތަނަށް ޢަމަލު ނުކުރެވި އޮތީ ކީއްވެގެންކަމާއިމެދު ވިސްނުމުގެ އެއްވެސް ބޭނުމެއް މިހާރަކު ނެތެވެ. ކޮންމެ މީހަކުވެސް ޢަޒުމް ކަނޑައަޅަންވީ ކަންކަން މިއެނގުނު ހިސާބުން އަވަހަށް އިޞްލާޙްވުމަށެވެ.
ކޮންމެ މީހަކުވެސް ގަދައަޅައި ހިތްވަރުކުރަންވީ އެމީހެއްގެ ޢާއިލާ ސަލާމަތްކުރުމަށެވެ. ތިމާގެ ސަލާމަތްކަން ހޯދުމަށެވެ.
މުފްތީ މެންކް ވިދާޅުވެފައިވާ ބަސްފުޅެއްގައިވެއެވެ. "އެހެން މީހުން ކުރާ ނުބައި އަމަލުތަކަސް ނުބަލާށެވެ! ކިތަންމެ ގިނަ ބައަކު ނަމަވެސް ނުބައި އަމަލެއް ކޮށްފިނަމަ އެކަން ވާނީ ހަމަ ނުބައި އަމަލަކަށެވެ. ޤިޔާމަތް ދުވަހު ކޮންމެ މީހަކާއިވެސް ސުވާލުކުރެވޭނީ އެމީހަކު ކުޅަ ޢަމަލަކާއިމެދުގައެވެ! ޖަވާބުދާރީވާން ޖެހޭނީ ވެސް އެމީހަކު ކުޅަ ޢަމަލަކަށް ކަމަށެވެ!"
މިހައިތަނަށް ރާއްޖޭގައި ޕޮޒިޓިވްވަމުން އައިގޮތުން ރައްޔިތުންގެ ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮތީ ޕޮޒިޓިވްވާނީ ހަމައެކަނި ރާއްޖެއިން ބޭރުން އަންނަ މީހުން އެކަނި ކަމަށެވެ. މިހައި ބޮޑަށް ފަރުވާ ކުޑަކޮށްލެވުނީ އެގޮތަށް ވިސްނުމުން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް މިއަދުގެ ޙާލަތައް ބެލުމުން ކޮރޯނާ ޓަކި ނުޖަހަނީ ކޮން ގޭބިސީއެއްގެ ދޮރުގައި ކަމާއިމެދު މިހާރު މިވަނީ ސުވާލު އުފެދިފައެވެ.
އެކުވެރިންނާއި ބައްދަލުވާނެއެވެ! އެއް ޢިމާރާތެއްގައި އުޅޭ އަވަށްޓެރިންނާއިވެސް ބައްދަލުވާނެއެވެ! ކުރިމަތިލައި ވާހަކަ ދެއްކެންވެސް އުޅޭނެއެވެ. ވާހަކަ ދައްކަން ޖެހިގެން ވާހަކަ ދެއްކި ނަމަވެސް ހަމަ އެކަކާއިވެސް މިވަގުތު ކައިރިވެގެންވާކަށް ނެތެވެ. މިވަނީ ދުރުމިން ހިފަހައްޓަން ޖެހިފައެވެ.
ޑޮކްޓަރުން ދެއްވަމުން ގެންދަވާ އިންޒާރުތަކާއި ނަޞޭޙަތުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފައިފިނަމަ ކުރިމަތިވެދާނެ ހިތާމަވެރި ޙާލަތު ޑޮކްޓަރުން މިރޭ ވެސް ވަނީ ބަޔާންކުރައްވައިފައެވެ. ވީމާ ކޮންމެ މީހަކުވެސް ފަރުދީ އުފުލަން ގަދައަޅައި މަސައްކަތްކުރުމުގެ މުހިންމުކަން ވަރަށް ބޮޑެވެ!