ކޯވިޑް-19ގެ ނުރައްކާ ރާއްޖެއަށް ބޮޑުވެ ވެރިރަށް މާލެތެރެއިން ބަލިމީހުންފެނި މިޙާރު ކުރިމަތިވެފައިވާ ޙާލަތު ކޮންޓްރޯލްނުވެއްޖެނަމަ، ލައްކައަކަށްވުރެ ގިނަ މީހުންނަށް ރާއްޖެއިން މިބަލި ޖެހިދާނެކަމަށާ، އަދި މިނުރައްކާތެރިކަން އަހަރެއްހާ ދުވަހަށް ދިގު ދެމިގެން ހިނގައިދާނެކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ލަފާކުރައްވައިފިއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުުވުމުގައި، ޑިސްޓްރިކްޓް ހެލްތު ބޯޑު އޮން ވައިކާޓޯ ނިއުޒީލެންޑްގައި މަސައްކަތްކުރައްވާ ދިވެހި ޑޮކްޓަރެއްކަމަށްވާ ޑރ.ޝީނާ މޫސާ ވަނީ ބައިވެރިވެވަޑައިގެން ކޯވިޑް-19ގެ ރާއްޖޭގެ މިހާރުގެ ޙާލަތާއި ކުރިއަށްއޮތް ދުވަސްތަކުގައި މިޙާލަތު ބަދަލުވެގެންދާނެކަމަށް ލަފާކުރެވޭ ކަންތައްތަކުގެ މައްޗަށް ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ.
އޭނާއަކީ ރާއްޖޭގެ ހެލްތު މިނިސްޓްރީގެ އިސް މަޤާމުތަކެއްވެސް ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާގެ ޕްރެޒެންޓޭޝަނުގައި ފާހަގަކުރައްވާފައިވަނީ މިހާތަނަށް ރާއްޖެއިން ފެނުނު ކޭސްތަކަށް ބަލާއިރު އިޖުތިމާޢީ ދުރުހެލިކަން މިހާރު ރާއްޖޭގައި ހުރިގޮތަށް ބަލާއިރު، ކުރިއަށްއޮތް ކުޑަ ދުވަސްކޮޅެއްގެތެރޭގައި 22،000އަށްވުރެ ގިނަ މީހުން ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް ވެދާނެކަމަށް އަންދާޒާ ކުރެވޭކަމަށެވެ.
މިއާއެކު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންވެސް އިތުރުވެ ފަރުވާދިނުމަށްވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހުމަކީ އެކަށީގެންވާކަމެއްކަމަށެވެ.