ކޮރޯނާ ކޮންޓްރޯލްކުރަން އެކަށީގެންވާ މަސައްކަތް ނުކުރެވިއްޖެ ނަމަ އެންމެ ގިނަ މީހުން ބަލިވާ މަހަކަށް މިފެށޭ ރޯދަ މަސް ވެދާނެ ކަމަށާއި އެހައި ގިނަ މީހުން އެއްފަހަރާ ބަލިވެއްޖެ ނަމަ ފަރުވާ ނުދެވިދާނެ ކަމަށް ޑރ. ޝީނާ ވިދާޅުވެއްޖެއެވެ.
ޑރ. ޝީނާ ވިދާޅުވީ މިހާރުވެސް 10 ވަރަކަށް މީހުން ޕޮޒިޓިވްވެފައިވާއިއިރު އެމީހުން ކޮންޓެކްޓްވި މީހުންގެ އަދަދު މިހައި ގިނަ އިރު އަދި ނުފެނުނު ނަމަވެސް މިހާރުވެސް 60، 100 މީހުންނަށް ބަލި ޖެހިފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ 14 ދުވަސް ތެރޭ ބަލިޖެހޭ މީހުންގެ އަދަދު 29000 އިން 19000 އަށް ދަށްކުރަން ބޭނުންނަމަ އޮތް ހަމައެކަނި ގޮތަކީ އަންގާ އެންގުންތަކަށް އަމަލުކޮށް ކިޔަމަންތެރިކަން އަދާކުރުން ކަމަށެވެ. އެގޮތުން އެއް ޢިމާރާތެއްގައި ދިރިއުޅުނު ނަމަވެސް ތަފާތު ފްލެޓްތަކުގައި އުޅޭ ތިމާގެ މީހުންނާއި ރައްޓެހިންނާއި ވެސް ބައްދަލު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ބަލިޖެހޭ މީހުންގެ އަދަދު މަދުކުރެވޭނީ ރައްޔިތުން އެއްބާރުލުން ދިން ވަރަކުން ކަމަށާއި އެކަން އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. މިރޭ ވެސް ޑރ. ނަޒްލާ ވަނީ ޞައްހަ މައުލޫމާތު ވީހައި އަވަހަކަށް ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.