ރާއްޖޭގައި ކޮރޯނާގެ ޙާލަތު މިހާރު މިވަނީ އެންމެ ނުރައްކާތެރި ޙާލަތަށް ގޮސްފައި ކަމަށާއި މިހާލަތުގައި ބަލަންވީ ހަމަ ކޮންމެ މީހެއްގެ ގައިގައިވެސް ބަލި ހުރެދާނެ ކަމަށް ކަމުގައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
މަބްރޫކް ވިދާޅުވީ މިހާލަތުގައިވެސް ބައްޔަށް ދޭންޖެހޭ ސަމާލުކަން ދީފިނަމަ ސަލާމަތް ވެވިދާނެ ކަމަށެވެ. ނަމަވެސް ސަމާލުކަން ނުދެވިއްޖެ ނަމަ ކިތަންމެ ބޮޑަކަށްވެސް ބަލި ފެތުރިގެން ހިނގައިދާނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ކޮރޯނާގެ ޙާލަތާއި ގުޅޭ މައުލޫމާތު ސަރުކާރުން ގެންދަނީ ވަރަށް ފުޅައު ދާއިރާއެއްގައި ހާމަކުރަމުން ކަމަށާއި އެއްވެސް ކަމެއް ސިއްރު ނުކޮށް ވަގުތުން ހާމަކުރަމުން ގެންދާ ކަމަށެވެ. ކިތަންމެ ދަންވަރުގެ ވަގުތެއްގައި ކަމެއް ހިނގި ނަމަވެސް ހާމަކުރަމުން ގެންދާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ވަރަށް ގިނައިން ދޮގު މައުލޫމާތު ފަތުރަމުން ގެންދާ ކަމަށާއި އެފަދަ މައުލޫމާތުތަކަށް ބިނާކޮށް މީޑިއާތަކުން ޚަބަރު ނުފެތުރުމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ. އަދި އެގޮތަށް ފަތުރާ މައުލޫމާތު ޤަބޫލު ނުކުރުމަށް ވެސް މަބްރޫކް އެދިވަޑައިގެންނެވިއެވެ.