ޞައްޙަ މައުލޫމާތު ދިނުން ލަސްވާ ކޮންމެ މިނިޓަކީ ބަލި ފެތުރެން ލިބޭ ފުރުޞަތެއް ކަމަށާއި އެހެންކަމުން މަޢުލޫމާތު ދިނުން އަވަސްކުރައްވަމުން ގެންދެވުމަށް ޑރ. ނަޒްލާ އެދިވަޑައިގެންފިއެވެ.
ޑރ. ނަޒްލާ މިއަދު ވިދާޅުވީ މިއަދު ޕޮޒިޓިވްވި 2 މީހުންގެ ކޮންޓެކްޓް އަދި އެނގިފައި ނުވާ ކަމަށާއި ކޮންޓެކްޓް ހޯދަން މަސައްކަތްކުރެވެމުން އަންނަ ކަމަށެވެ. އަދި އެދެ މީހުންނަކީ ކުރީގެ ކޭސްތަކާއި ގުޅުން ނެތް 2 މީހުން ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ބަލިޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން ގިނަވެއްޖެ ނަމަ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނުކުރެވިދާނެ ކަމަށާއި ނަމަވެސް އަދި ޕޮޒިޓިވްވެފައިވާވަރުން އެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިން ހަދަން ޖެހޭ މީހުންގެ ޢަދަދު އިތުރުވެ ތަފާތު ސަރަހައްދުތަކަށް ފެތުރެމުންދާނަމަ މީހުންނާ ވަސީލަތްތައް އިތުރުކުރާނެ ކަމަށެވެ. "މިހައިތަނަށް ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް މިދަނީ ކުރެވެމުން. އިތުރު ކޭސްތައް ފެންނަމުން މިދަނީވެސް އެގޮތަށް ކުރެވޭ މަސައްކަތުގެ ތެރެއިން."
ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ފެތުރުމުގައި އެންމެ ބޮޑު އެއް ނުރައްކަލަކީ ކޮންޓެކްޓް ނުއެނގުމެވެ. އެމެރިކާގެ ސައިންސްވެރިން ހާމަކުރި ދިރާސާއެއްގައި ބުނެފައިވަނީ ޕޮޒިޓިވްވާ ކޮންމެ މީހަކު މެދުވެރިކޮށް ކޮންޓެކްޓް ޓްރޭސް ނުކުރެވޭ އެތައް ބައަކަށް ބަލި ފެތުރުމުގެ ފުރުޞަތު އޮންނަ ކަމަށެވެ.