ޒަމްޒަމް ފެނަކީ އާދައިގެ ފެނެއް ނޫން ކަމަށާ އެއީ "މުޢްޖިޒާތް"ތަކެއް އެކުލެވިގެންވާ ހުރިހާ ބައްޔަކަށް ޝިފާ ލިބޭނެ ފެނެއްކަމަށް ޖަޕާނުގެ ސައިންޓިސްޓަކު ބުނެފިއެވެ.
ސައިންސްވެރިޔާ މަސާރޯ އެމޯޓޯ އޭނާގެ ހޯދުންތަކަށްފަހު ބުނެފައިވަނީ ޒަމްޒަމްފެނަކީ އާދައިގެ ފެނެއް ކަމަށް ޤަބޫލު ނުކުރުމަށާއި އެފެނުގައި ޢަޖައިބެއް ފަދަ "މުޢްޖިޒާތް" ތަކެއް ހިމެނިގެންވާ ކަމަށެވެ.
ޖަޕާނުގެ ޔޯކޮހާމޯގައި 1943 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެފައިވާ މަސާރޯ އަކީ ދުނިޔޭގެ ފެންވަރުގައި ސައިންސްގެ ތަހްލީލްތައް ކުރުމުގައި އިސް ދައުރެއް އަދާކުރަމުން ގެންދާ ސައިންސްވެރިއެކެވެ. ފެނާއި ބެހޭ ގޮތުން މީގެ ކުރިންވެސް އޭނާ ވަނީ ވަރަށް ގިނަ ހޯދުންތައް ހޯދައިފައެވެ.
ސައިންސްވެރިޔާގެ މިބަހަކީ މުސްލިމުންނަށް އައު ބަހެއް ނޫނެވެ. މުސްލިމުން ޤަބޫލުކުރާ ޙަޤީޤަތެކެވެ. ލިބޭ ކުރިއެރުމަކީ އިސްލާމް ދީނުގައި ބަޔާންވެގެންވާ މިފަދަ ކަންކަން މިއަދުގެ ސައިންސްވެރިންގެ ތަހްލީލްތަކުން ސާބިތުވުމުން ލިބޭ ކުރިއެރުމެވެ.