ރައްޔިތުންގެ ކިބައިން ޑޮކްޓަރުން ކެނޑިނޭޅި އެންމެ ގިނަގިނައިން އާދޭސްކުރަމުން އެގެންދަނީ ބޭރަށް ނުނުކުތުމަށެވެ. ކޮންމެހެން ނުކުންނަން ޖެހިގެން ނުކުތް ނަމަވެސް މަދުވެގެން 3 ފޫޓު ދުރުގައި ތިބުމަށެވެ. ފުނިޖެހިގެން ނުތިބުމަށެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ 3 މީހުންނަށްވުރެ ގިނައިން އެއްވެ ނުތިބުމަށް އަމުރުކޮށްފައެވެ. އަދި 3 މީހުން ތިބި ނަމަވެސް ދުރުދުރުގައި ތިބުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.
ކޮރޯނާ ކަންކަން ފެށުނީންސުރެ ޑޮކްޓަރުން އެގެންދަނީ މިކަންކަމަށް އެދި އެމީހުން ކުރާ އާދޭސްތައް ތަކުރާރުކުރަމުންނެވެ. ރައްޔިތުންގެ ކިބައިން ސަލާންޖަހަމުންނެވެ. ކޮންމެ ރެއަކުހެން ނަޞޭޙަތް ތަކުރާރުކުރަމުންނެވެ.
މާލެއިން މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ 2 ބައްދަލުވުމުގައިވެސް ޑޮކްޓަރުން ވަނީ އެކަންކަމަށް އެދި ސަލާން ޖަހައިފައެވެ. ހެލްތް މިނިސްތަރު ވިދާޅުވީ ކޮރޯނާއިން ދިފާޢުވުމަށް އޮތް ފަރުވާއަކީ ގެއިން ނުނުކުތުމާއި ނުކުންނަން ޖެހިގެން ނުކުތް ނަމަވެސް އިޖުތިމާޢީ މިންގަނޑަށް ބަލައި ދުރުދުރުގައި ތިބުން ކަމަށެވެ.
މިވާހަކަތައް މިއަދު ހަވީރު 6 ޖެހިއިރުވެސް ޑޮކްތަރުން ތަކުރާރުކުރިއެވެ. 2 ގަޑިއިރު ފަހުން މިރޭ 8 ޖެހިއިރު މަގުމަތީގެ ޙާލަތު ބައްލަޥާށެވެ!
މިކަމުގައި އަހަރެމެންގެ ކަންފަތްތައް މިހައި ބޮޑަށް ބީރުވެފައި މިވަނީ ކީއްވެގެން ހެއްޔެވެ؟ ކުރިން ބުނަމުން އައީ ކޮރޯނާ މާލޭގައި ނެތް ކަމަށެވެ. ކޮރޯނާ މާލޭގައި އެބައުޅޭކަން މިހާރު މިވަނީ ޔަޤީންކުރެވިފައެވެ. 2 މީހަކާއި ތުއްތު ކުއްޖަކު މިހާރުވެސް ވަނީ ކޮރޯނާއަށް ޕޮޒިޓިވްވެފައެވެ. ޔަޤީނުންވެސް މިހާރު މާލޭގައި ކޮރޯނާ ނެތް ކަމަށް ބުނެވޭކަށް ނެތެވެ.
އަދި އެންމެ ނުރައްކައުތެރިކަން ބޮޑު ކަމަކީ ފުރަތަމަ ޕޮޒިޓިވްވި މީހާ ޕޮޒިޓިވްވީ ކާކުގެ ސަބަބުންކަން އެނގޭނެ ގޮތެއް އަދިވެސް ނެތްކަމެވެ. މިއީ ކޮރޯނާ ފެތުރެން އެންމެ ބޮޑަށް ދިމާވާ ސަބަބު ކަމަށް މާހިރުން އެގެންދަނީ ބުނަމުންނެވެ. މިހުރިހާ ކަންކަމާއިއެކުވެސް އަދިވެސް ހަމަ މިހައި ބީރުވެގެން ތިމާ އާއި ތިމާގެ ޢާއިލާ ކޮރޯނާއިން ސަލާމަތްކުރެވިދާނެ ހެއްޔެވެ؟

މިފޮޓޯ ބައްލަވައިލައްވާށެވެ! މިއީ މާ ބައިގިނަ، ހުރިހާ ގޮތަކުންވެސް ދަތިކަން ބޮޑު ސްރީލަންކާއެވެ. ކިޔޫތައްވެސް މާދިގެވެ! އިންތިޒާރުކުރަން ޖެހޭ ވަގުތު އެތައް ގަޑިއިރަށް ދެމިގެންދެއެވެ.
ސުވާލަކީ ޙައްލަކީ ކޮބައިހެއްޔެވެ؟ ފަރުދީ ޒިންމާ އަދާނުކޮށް ޑޮކްޓަރުންނަށާއި ސިއްޙީ ނިޒާމަށް ފާޑުކިޔުމުން ކޮރޯނާއިން ސަލާމަތްވެވޭ ހެއްޔެވެ؟