މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނުމާއި ގުޅިގެން، މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ) އިއްޔެ ލޮކްޑައުން ކުރި މުއްދަތު އިތުރު ކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މީގެ އިރުކޮޅެއް ކުރިން ޓްވީޓެއްގައި ބުނެފައިވަނީ މާލެ ސަރަޙައްދު ލޮކްޑައުން ކޮށްފައިވާ މުއްދަތު އިތުރު 24 ގަޑިއިރަށް އިތުރު ކޮށްފައިވާ ކަމަށެވެ.
އިއްޔެ މެންދުރުފަހު 14:30 ހާއިރު މާލެ ސަރަޙައްދު 24 ގަޑިއިރަށް އިތުރު ކުރުމަށް އިއުލާނު ކޮށްފައިވާއިރު، އިއްޔެގެ ހަވީރު 15:30 ގެ ކުރިން ބޭރުގައިތިބި އެންމެން ގެއަށް ވަނުމަށް ވެސް ފުލުހުން އިލްތިމާސް ކުރެއްވިއެވެ.
މާލެއިން ކޯވިޑް-19 އަށް ދިވެއްސެއް އިއްޔެ ޕޮޒިޓިވްވެފައިވާއިރު، އޭނާއާއި ޑައިރެކްޓް ކޮންޓެކްޓްވި އޭނާގެ ތުއްތު ދަރިފުޅާއި އިިތުރު އެހެންމީހަކު ޕޮޒިޓިވް ވެފައިވާކަން އިއްޔެގެ ނަތީޖާއިން ވަނީ ދައްކާފައެވެ. އަދި އެމީހާއާ ކޮންޓެކްޓުވި 14 މީހެއްގެ ކިބައިންގެ ބަލީގެ އަލާމާތްތަކެއް ފެނިގެން ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.
މާލެއިން ކޮވިޑަށް މިހާތަނަށް ތިން މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އަށަކަށް އަރާފައެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 23 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މާލެގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރުމަށް އެންގި އެންމުމުގެ މުއްދަތު އިތުރުކުރުން pic.twitter.com/UkDhK1ZUIQ
— Health Protection Agency (@HPA_MV) April 16, 2020