ރާއްޖޭގެ ވެރިކަންކުރާ ރަށް މާލެއިން މިއަދު ކޯވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވުމާއި ގުޅިގެން، މާލޭގައި މިބަލި ފެތުރޭ މިންވަރު ހަތަރަކަށް މަތިކޮށް، ރަތް އެލާރޓް ނެރެފިއެވެ.
ކޯވިޑް-19 ގުޅޭ މައުލޫމާތު އެޗްޕީއޭ އިން އާންމުކުރާ ވެބްސައިޓުގައިވާ ގޮތުން މިވަގުތު މާލެ ސިޓީ އޮތީ ރަތް އެލާޓުގައެވެ. ކުރެއްދޫ ރިސޯޓު އޮރެންޖު އެލާޓުގައި އޮތްއިރު، ރާއްޖޭގެ އެހެން ސަރަހައްދުތައް އޮތީ ރީނދޫ އެލާޓުގައެވެ.
މާލެއިން މިބައްޔަށް ޕޮޒިޓިވްވި މީހާއަކީ ޓްރެވެލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. އެހެންކަމުން އޭނާ ކޯވިޑް-19 އަށް ޕޮޒިޓިވްވީ ކިހިނެއްކަން ހޯދުމަށް އެޗްޕީއޭ އިން ގެންދަނީ ކޭސް އިންވެސްޓިގޭޝަނެއް ވެސް ހަދަމުންނެވެ.
އެމީހާއަށް ބަލި ޖެހިފައިވާކަން ޔަގީން ކުރެވުނީ ރޯގާގެ އަލާމާތްތަކާއެކު އިއްޔެ ފްލޫ ކްލިނިކަށް ދެއްކުމުން ހެދި ޓެސްޓުތަކުންނެވެ.
ކޮވިޑުގެ ހާލަތުގައި ރަތް ލެވެލް އަކީ އިމްޕޯޓެޑް ކޭސް އަކާއި ގުޅުން ނެތް މީހެއްގެ ގައިން ބަލި ފެނި އޭނާގެ ގައިން އެހެން މީހެއްގެ ގަޔަށް ބަލި އެރުމުގެ ފުރުސަތު އޮންނަ ހާލަތެވެ.