މީސްތަކުން ގޮތްހުސްވާ ކޮންމެ ކަމަކުން ދައްކައިދެނީ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ އަށްކަމެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
މީސްތަކުން ގޮތްހުސްވާ ކޮންމެ ކަމަކުން ދައްކައިދެނީ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ އަށްކަމެވެ!: މުފްތީ މެންކް

އާދަމްގެފާނު އުފެއްދެވީ މަށިންނެވެ. މީސްތަކުން އުފެދިގެން މިއަންނަނީ ފެންތިއްކަކުންނެވެ. މަރުވުމުން ވަޅުލެވެނީ ފަސްގަނޑުގައެވެ. މަސްތަކާއި ކަށިތައް ފީވެގެން ގޮސް އެކުވަނީ ވެއްޔާއިއެވެ. އެއަސްފަހު އަލުން ދިރުން ދެއްވެވުމުން ނުކުންނަނީ ފަސްގަނޑުންނެވެ. މާނައަކީ ބަރުޒަޚުގެ ޢާލަމް ނިމި ޤިޔާމަތް ވުމުން ކައްވަޅުން ތެދުވެ ބޭރަށް ނުކުންނަނީ ވެސް ފަސްގަނޑުން ކަމެވެ. 

މީސްތަކުންނޭވެ! ތިބާ އުފަންވުމުގެ ކުރިން ތިބާ ވަނީ ﷲ ތަޢާލާ ލެއްވެވި ތަނެއްގައެވެ. މިހާރުވެސް ތިބާއަށް ހުރެވޭނީ ﷲ ތަޢާލާ ލެއްވެވި ތަނެއްގައެވެ. ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމަ ﷲ ތަޢާލާއަށެވެ. މީސްތަކުން ބަލިކަށިވެ ގޮތް ހުސްވެ ނިކަމެތިވަމުންދާ ކޮންމެ ކަމެއްގައި އެދައްކައިދެނީ ހަމަ އެންމެ ކަމެކެވެ. ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ. 

ކޮރޯނާގައި މަރުވި އެންމެންނަށް ސުވަރުގެ ދެއްވެވުން އެދި ދުޢާކުރަމެވެ. ޢާއިލާތަކަށް ކެތްތެރިކަމާއި ރަޙްމަތް މިންވަރުކުރެއްވެވުން އެދިވެސް ދުޢާކުރަމެވެ. ޔަޤީންކުރަންވީ އަހަރެމެންވެސް މަރުވާނެ ކަމެވެ. ކޮންމެހެން ކޮރޯނާ ޖެހިގެނެއް ނޫނެވެ. ޢުމުރު ހަމަވުމުންނެވެ. 

އަހަރެމެން މަރުވާނެތީ ބިރުގަންނަންވީ ހެއްޔެވެ؟ އެއީ އެއްވެސް ޙާލެއްގައި ބިރުގަންނަން ޖެހެންވީ ކަމެއް ނޫނެވެ. މަރުވާނެކަން ނޫނީ އުފަންވުމަސްފަހު ޔަޤީންކުރަން ޖެހޭނެ ކަމެއް ނެތެވެ. ވީމާ ކުރަން އޮތް ހަމައެކަނި ކަމަކީ ﷲ ތަޢާލާގެ ރަޙްމަތަށް އެދި މަސައްކަތް ކުރުމެވެ. އެކަމަށް އުންމީދުކުރުމެވެ. 

ބިސްމިﷲ ގައި އެވަނީ ﷲ ތަޢާލާގެ ސިފަފުޅުތަކެވެ. ﷲ އީ ރަހްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. އެންމެ އޯގާތެރިވަންތަ އަދި ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާ ދީލަަތިވަންތަ އިލާހްއެވެ. އަހަރެން އުފެއްދެވި އިލާހުގެ ސިފަފުޅުތަކަކީ އެއީ ކަމުގައިވާއިރު އަހަރެން މާޔޫސްވާންވީ ކޮން ކަމަކާއި ހެއްޔެވެ؟ ހަމައެކަނި ކުރަން އޮތް ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުން ނޫން ހެއްޔެވެ؟

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން