ރައްކާތެރިކަމުގެ ފިޔަވަލުތައް ނުއަޅައި ތިބެއްޖެ ނަމަ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް އެންމެ މީހަކު ފެންނަ ހިސާބުންވެސް 98،000 މީހުން ޕޮޒިޓިވްވެދާނެ ކަމުގެ އިންޒާރު ޑރ. ނަޒްލާ މިރޭ ދެއްވައިފިއެވެ.
ދަރުބާރުގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ނަޒްލާ މިފަދަ އިންޒާރެއް ދެއްވާފައި މިވަނީ ރައްޔިތުންނަށް މިކަމުގެ ހުރި ނުރައްކައުތެރިކަން އަނގަވައި ދެއްވައި ހޭލުންތެރިކުރުވުމުގެ ގޮތުންނެވެ.
"މުޖުތަމައުގެ ތެރޭގައި ހުންނަ މީހަކަށް ބަލި ޖެހޭތާ "ނޭނގި ހުއްޓައި" 35 ވަނަ ދުވަހު އެކަނިވެސް އަލަށް 2500 މީހުންނަށް ބަލި ޖެހޭނެ ކަމަށް މި ބަލަނީ އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅައިފިއްޔާ. އެ މީހަކަށް ބަލި ޖެހޭތާ 45 ވަނަ ދުވަހު 5،000 އަށް ވުރެން ގިނަ މީހުން ބައްޔަށް އަލަށް ޕޮޒިޓިވްވާނެ ކަމަށް މިބަލަނީ. މި ބަލި ޕީކްވަނީ، 45-50 ދުވަހާ ދޭތެރޭގައި. އެއީ އެއް ދުވަސް ތެރޭގައި އެންމެ ގިނައިން ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭ އަދަދު." ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެއްވެސް ކަމެއް ނުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި ތިބެއްޖެ ނަމަ ކުއްލިއަކަށް އެއްފަހަރާ ވަރަށް ބައިވަރު މީހުންނަށް ބަލި ޖެހި އަޅުގަނޑުމެންނަށް ކޮންޓްރޯލްނުކުރެވޭ ހިސާބަށް ބަލި ފެތުރިދާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ. އެހެން ނަމަވެސް ކޮންޓްރޯލްކުރަން ކުރަންޖެހޭ ކަންތައްތައް ކޮށް އެންމެން އެ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކޮށްފި ނަމަ ވަރަށް ބޮޑަށް ޕޮޒިޓިވް ކޭސް ދަށްކޮށް، ޕީކް އަންނަ މުއްދަތު ވެސް ދަންމާލެވޭނެ ކަމަށާއި އެކަމުގެ ސަބަބުން ތައްޔާރުވާނެ އިތުރު ފުރުޞަތު ވެސް ލިބިގެންދާނެ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ފިޔަވަޅު އަޅައި އެންމެން ސޯޝަލް ޑިސްޓެންސިން ފަދަ އާދަކާދަތަކާއިއެކު ކުރިއަށް ހިނގައްޖެ ނަމަ ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ދަށްވާނެ ކަމަށެވެ.