ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރު ހަދިޔާކުރަން އެއްވެސް ޤައުމަކުން އަދި މިހައި ތަނަށް ހުށަހަޅާފައި ނުވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
މަބްރޫކް މިމޭރުމުން ވިދާޅުވީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން ރާއްޖެއަށް އެހީތެރިވެދޭން ތައްޔާރަށް އޮތްކަން ސަރުކާރުން ހާމަކޮށްފައިވާތީ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދުނޫހުން ކުރި ސުވާލެއްގެ ޖަވާބުގައެވެ.
މަބްރޫކް ވިދާޅުވީ މިހާރު ގެންނަން ހަމަޖައްށާފައިވާ ވެންޓިލޭޓަރުތައް ގެންނަނީ ސަރުކާރުން ކަމަށާއި އެއިގެ ތެރެއިން 65 ވެންޓިލޭޓަރު ހޯދަން ޑަބްލިޔޫއެޗްއޯއިން އެހީތެރިވެދޭ ކަމަށެވެ. މިހާރު ގެންނަން މަސައްކަތްކުރާ 151 ވެންޓިލޭތަރު ގެންނަން 56 މިލިއަން ރފިޔާ ޚަރަދުވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ވެންޓިލޭޓަރުތަކަށް މިވަގުތު ދުނިޔޭގައި ޑިމާންޑް ބޮޑުވެފައި އޮތުމުން އެމެރިކާ ފަދަ ޤައުމުތަކަށް ވެސް އުޅެނީ ބޭނުންވާ ވަރަށް ވެންޓިލޭޓަރު ނުލިބިގެނެނެވެ.