އެރިޔަދޫ ކަރަންޓީނު ފެސިލިޓީގަ ހުރި ދިވެއްސެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެފެސިލިޓީގައި ތިބި އެހެން އެންމެންގެ ކަރަންޓީނުގެ މުއްދަތު އިތުރުކޮށް، އެމީހުން ދޫކޮށްލުން ފަސްކޮށްފިއެވެ.
އެރިޔަދޫ ކަރަންޓީނު ފެސިލިޓީން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ފިލިޕީންސުން ރާއްޖެ އައި މީހެކެވެ. އޭނާ އެބައްޔަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަވުމަށްފަހު ދޫކޮށްލަން ހަމަޖެހިފައި ވަނިކޮށް، ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުންނެވެ.
ކޯވިޑް-19 އާއި ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ އެރިޔަދޫއިން ދޫކޮށްލަން ނިންމާފައި ތިބި އެންމެންގެ ކަރަންޓީގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށާއި އަދި އިތުރު ފިޔަވަޅުތައް އެޅުމާމެދު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.