ގޭގައި ކަރަންޓީނުވެފައި ހުންނައިރު ކުރުން އެންމެ ފައިދާހުރި ބައެއް ކަންކަން!

ކިޔުމަށް ހޭދަވާނީ 3މ 28ސ
ގޭގައި ކަރަންޓީނުވެފައި ހުންނައިރު ކުރުން އެންމެ ފައިދާހުރި ބައެއް ކަންކަން!

ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19، އިތުރަށް ފެތުރުން ހުއްޓުމަށް ހުރިހާ ޤައުމަކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ބައެއް ޤައުމުތަކުގައި ގެއިން ބޭރަށް ނިކުތުން މަނާކޮށްފައިވާއިރު، އަނެއް ބައި ޤައުމުތަކުގެ ރައްޔިތުން އެމީހުން އަމިއްލައަށް ވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި ކަރަންޓީނު ވެގެން ތިބެއެވެ. މިހެން ތިބޭއިރުގައި ވެސް އެކަކު އަނެކަކާއި މަދުވެގެން ދެ ފޫޓުގެ ދުރުމިނެއް ބެހެއްޓުމަށް ވެސް ގިނަ މީހުން ސަމާލުކަން ދެއެވެ.

އިނގިރޭސިވިލާތުން ބުނެފައިވާ ގޮތުގައި، ގޭގައި އަމިއްލައަށް ކަރަންޓީނުވެފައި ތިބޭއިރު ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި ސްކޫލާއި ވަޒީފާ އަދި މިނޫންވެސް ގިނަ މީހުންނާއިއެކު އުޅެން ޖެހޭ ތަންތަނަށް ނުދިޔުމަށާއި، ބަސް ފެރީ ފަދަ ގިނަމީހުންނާއެކު ދަތުރު ކުރަން ބޭނުންކުރާ އުޅަނދުފަހަރަށް ވެސް ނޭރުމުގެ އިތުރުން ގެއަށް ބޭރުން މެހެމާނުން ނުގެނައުންވެސް ހިމެނެއެވެ.

ގެއިން ބޭރަށް ނުނިކުމެ އަބަދު ގޭގައި ތިބުމަކީ ވެސް ގިނަ މީހުންނަށް ފަސޭހަކަމެއް ނޫނެވެ. އަދި މިކަމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް އެތައް ކަމަކާއި ކުރިމަތިލާން ޖެހެއެވެ. މިފަދަ ކަންކަމުން އަރައިގަނެވޭނެ ބައެއް ގޮތްތަށްވެއެވެ.

1. ނަމާދުކޮށް ދުޢާ ކުރުން

އަހަރެމެންނަށް ޝިފާ ދެއްވާނީ، އަދި އެންމެހާ ނިޢުމަތްތަކެއް ދެއްވާނީ ވެސް މާތް ﷲ އެވެ. އެކަލާނގެއީ ހުރިހާ ކަމަކަށް ވެސް އެންމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ނަމާދު ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. އެހެންކަމުން މިދުވަސްތަކުގައި ވެސް ނަމާދަށް ފަރުވާތެރިވާށެވެ. އަދި މިފަދަ މުސީބާތުން އަވަހަށް ސަލާމަތް ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތައް ދުޢާ ކުރާށެވެ.

2. ކޮންމެ ދުވަހަކުވެސް ޤުރްޢާން ކިޔެވުން

މިއީ އެހެން ދުވަސްތަކުގައި ވެސް ކުރަންޖެހޭ ކަމެކެވެ. ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްޢާން ކިޔެވުމުން ސިކުނޑި ތާޒާ ވުމުގެ އިތުރުން އަހަރުމެންނަށް ދީނީ އަޅުކަމެއް ވެސް ކުރެވުނީއެވެ. އެކަމުގެ ސަވާބާއި ދަރުމަ އަހަރުމެންނަށް އާޚިރަތުގައި ވެސް އިން-ޝާ ﷲ ލިބޭނެއެވެ.

3. ޛިކްރު ކުރުމާއި ޞަލަވާތްކިޔުން އިތުރު ކުރުން

މާތް ﷲ އަށް ޛިކްރު ކުރުމާއި އެކަލާނގެ ރަސޫލާ (ޞޢޥ) އަށް ގިނަގިނައިން ޞަލަވާތާއި ސަލާމް ކުރުމަކީ ވެސް ނުހަނު ފައިދާހުރި ކަމެކެވެ. ހުރިހާ ވަގުތެއްގައި ވެސް އަހަރެމެން އެންމެ ހަނދުމަ ކުރަންވާނީ އެކަލާނގެއާއި އެކަލާނގެ ރަސޫލާ (ޞޢޥ) މަތިންނެވެ.

4. އިސްލާމްދީނާއި ބެހޭގޮތުން ޢިލްމުވެރިން ދެއްވާފައިވާ ދަރުސްތައް އޮންލައިންކޮށް އަޑުއަހާ ބެލުން.

ގިނަމީހުން މިދުވަސްކޮޅު މިލިބޭ ހުސްވަގުތުތައް ހޭދަ ކުރަނީ މުނިފޫހިފިލުވަން ފިލްމާއި އެފަދަ ވީޑިއޯތައް ބެލުމުގައެވެ. މީގެ ބަދަލުގައި އިސްލާމްދީނާއި ބެހޭގޮތުން ދީނީ ޢިލްމުވެރިން ދެއްވާފައިވާ ދަރުސްތައް އޮންލައިންކޮށް އަޑުއަހާ ބެލުން ބުއްދިވެރިއެވެ.

5. ނަފްސާނީ ގޮތުން ތައްޔާރުވެ ތިބުން

ގޭގައި ގިނަވަގުތު ތިބެން ޖެހުމުން ނަފްސާނީ ގޮތުން ލިބޭ ނުތަނަވަސްކަން ފިލުވާލެވޭތޯ، އަމިއްލައަށް ސިކުނޑިއަށް ވިސްނައި ދިނުން ވަރަށް މުހިންމެވެ. އެގޮތުން ގޭގައި ތިބެނީ ތިމާއާއި އެހެން މީހުންގެ ވެސް ރައްކަލަކަށްކަން ވިސްނައިދީ، ތިމާގެ ސިކުނޑިއަށް ލުއި ފަސޭހަކަންކަން ކުރުން މުހިންމެވެ. މިސާލަކަށް ބުނާނަމަ، ތިމާއަށް އުފަލެއް ލިބޭނެ ކަންކަން ކުރުން ވަރަށް މުހިންމެވެ.

6. ގޭތެރެ ސާފުކުރުން

މިއީ ވެސް ގޭގައި މިހާރު ހުންނަ ވަގުތު ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ. ގޭތެރެ ހިރަފުސް ފޮޅާ، ކުނިކަހާ ސާފުކޮށްފައި ބެހެއްޓުމުން ގޭގައި މިހާރު މިހޭދަކުރާ ވަގުތުގައި ކުރަން ކަމެއް ލިބުމުގެ އިތުރުން، ތިމާ ދިރިއުޅޭ ތަން ސާފު ޠާހިރުކޮށް ހުރުމުން ލިބޭ ހިތްހަމަ ޖެހުން ވެސް އިންތިހާއަށް ބޮޑެވެ.

7. ކަންތައް ވަމުން އަންނަ ގޮތް ދަރިންނަށް ކިޔައިދިނުން

ކުއްލިއަކަށް ދިރިއުޅުމަށް މިފަދަ ބޮޑު ބަދަލެއް އައުމުން ކޮންމެ ކުޑަކުއްޖެއްގެ ހިތުގައިވެސް ވަރަށް ގިނަ ސުވާލުތަކެއް އުފެދޭނެއެވެ. އެހެންކަމުން މިއީ ކޮންކަމެއްކަމާއި ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންކަން ދަރިންނަށް ވެސް ކިޔައިދިނުން ވަރަށް މުހިންމެވެ. ނަމަވެސް ދަރިން ބިރުނުގެންނެވުމަށް ވަރަށް ބޮޑަށް ބަލަންވާނެއެވެ.

8. ހާސް ނުވުން

މިއީ ވިސްނުން ވަރަށް މުހިންމު ކަމެކެވެ. ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް ވެސް އަޅާށެވެ. އެކަމަކު އެހާ ހާސް ނުވާށެވެ.

މިއަދު އޮންލައިން