މުޅި ދުނިޔެއަށް ކޮރޯނާ ފެތުރިފައިވާއިރު ރާއްޖެއަށް މިވަނީ ކޮރޯނާއިން އަރައިގަނެވިފައި ކަމަށް ޤަބޫލުކުރުމަށްވުރެ ގޯހެއް ނުހެދޭނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރާއްޖެ ވަސައިގެން މިވަނީ ބޮޑު ޠޫފާނެއް އުފެދިފައި ކަމަށާއި އެޠޫފާނުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ޙާލަތަކަށް ރައްޔިތުން ތިބެން ޖެހޭނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ. އަދި އިތުރު މަސްތަކަކަށް ބަލި ފެތުރިގެންދާނެ ކަމަށް ޑޮކްޓަރުން ލަފާކުރާއިރު މިހައި އަވަހަށް ރާއްޖެ އަށް މިވަނީ ބަލިން ސަލާމަތްވެވިފައި ކަމަށް ޤަބޫލުކޮށް ސަމާލުކަން ކުޑަކޮށްލައިފިނަމަ ކިތަންމެ ބޮޑު ގެއްލުމެއްވެސް ލިބިގެން ހިނގައިދާނެ ކަމަށެވެ.
ޑރ. މުރާދު ވިދާޅުވީ ބައަޔަށް ޕޮޒިޓިވްވި ދިވެއްސަކު ނެގަޓިވް ވުމަކީ ލިބުނު ކުރިއެރުމެއް ކަމަށާއި ނަމަވެސް އަދި މިއީ ހިތްހަމަޖެހުން ލިބި ފަރުވާކުޑަކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
ޑރ. މުރާދު ވަނީ މިރޭ ވެސް ބަލިން ރައްކަތެރިވުމަށް ޑޮކްޓަރުން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކޮށް ދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.