ތައުލީމީ ވަޒީރަށް!: ކުއްޖަކަށް ކިޔަވައި ދިނުމަކީ ކޮރޯނާ މާ ރުޅިގަދަވާ ކަމަކީތޯއެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ތައުލީމީ ވަޒީރަށް!: ކުއްޖަކަށް ކިޔަވައި ދިނުމަކީ ކޮރޯނާ މާ ރުޅިގަދަވާ ކަމަކީތޯއެވެ؟

ކޮރޯނާއިން ސަލާމަތްކަން ހޯދަން ޑޮކްޓަރުންގެ ފަރާތުން ކުރައްވަމުން ގެންދަވާ އިލްތިމާސްތައް ވަރަށް ފުރިހަމައެވެ. ވަރަށް ބަރާބަރެވެ! ނަމަވެސް ބައެއް ނިންމުންތައް ދެކޮޅު ޖެހޭ ކަމާއިމެދު މިވަނީ ވިސްނައިލަން ޖެހިފައެވެ. 

ރާއްޖެތެރޭގައި ދިރިއުޅުން އޮތީ މާތް ﷲ ވާގިފުޅާއިއެކު ޢާންމު ޙާލަތުގައެވެ. މިއަދުނޫހަށް މައުލޫމާތު ދެއްވި ކައުންސިލަރުން ވިދާޅުވީ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވާ ކަމަށާއި ނަމަވެސް ގެއިން ބޭރަށް ނުކުމެ އުޅުމާއި ގޭގެއަށް ދިއުމާއި އެކުގައި ވަގުތު ހޭދަކުރުން ފަދަ ޢާންމު ދިރިއުޅުމާއި ގުޅުންހުރި ކަންކަމުގައި އެއްވެސް ޚާއްޞަ އިލްތިމާސެއް ނެތް ނެތްކަމަށެވެ. 

ނަތީޖާ އަކީ އެންމެންވެސް އެމީހަކު ބޭނުން ވަގުތަކު އެމީހަކު ބޭނުން ގެއަކަށް ގޮސް އުޅުމެވެ. އެކުގައި ކައި ކުޅިވަރު ކުޅެ ޢާންމު ދިރިއުޅުމެއް އުޅުމެވެ. ޓީޗަރުންނާއި ދަރިވަރުންވެސް ދުވާލަކު އެތައް ފަހަރަކު ބައްދަލުކުރެއެވެ. މޭޒުކައިރީގައި ތިބެ އެކުގައި ސްކްރެބްލް ކުޅުން ފަދަ ކަންކަންވެސް ކުޅެއެވެ. އެނޫން ކަންކަން ވެސް ކުރެއެވެ. 

ނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވަނީ ޓީޗަރު ކުއްޖަކަށް ހަމަ އެމޭޒުކައިރީގައި އިނދެ ކީރިތި ޤުރްއާން ނަމަވެސް އަދި އެހެން ފިލާވަޅެއް ނަމަވެސް ބުނެދީފި ނަމަ (އެންމެ ދަރިވަރަކަށް ނަމަވެސް) އެކަން ބަދަލުވާނީ ޓިޔުޝަން ކްލާހެއް ހިންގުމަށް ކަމަށާއި އެކަން ވަނީ އިއުލާނަކުން މަނާކޮށްފައި ކަމަށެވެ. 

ދިވެހިން ވާހަކަ ދައްކައި އުޅުމުގައި "ޓިޔުޝަން ދިނުމާއި" ޓިޔުޝަން ކްލާހެއް ހިންގުމަކީ ތަފާތު ދެކަމެކެވެ. ކްލާހެއް ކަމަށް ބަލަނީ ގިނަ ދަރިވަރުންތަކަކަށް ކިޔަވައިދިނުމަށެވެ. ނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީގެ ނިންމުން ވަރަށް ތަފާތެވެ. 

މިނިންމުމުގެ ސަބަބުން ޓީޗަރު ގެއަށް ގެނެސް އަމިއްލަ ދަރިފުޅަށް ޤުރްއާން ކިޔަވައި ދިނުމާއި ޓިޔުޝަން ދިނުމަށް ވަނީ ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ގްރޭޑް 10ގެ ބެލެނިވެރިންނާއި ދަރިވަރުން ގެންދަނީ ކަރުނައަޅަމުންނެވެ. 

ސުވާލަކީ ޢާންމު ޙާލަތުގައި ދިރިއުޅެމުން އަންނަ ރަށްރަށުގައި މިކަމުގައި ޢަމަލު މިކުރެވެނީ ބުއްދިއަށް ޤަބޫލުކުރެވޭ ގޮތަކަށް ހެއްޔެވެ؟ ޓީޗަރާއިއެކު އެއް މޭޒުގައި ކައި ހެދެއެވެ. ކުޅިވަރު ކުޅެވެއެވެ. ކޮރޯނާ އަރައިފާނެ ކަމުގެ ބިރެއް ނެތެވެ. ނަމަވެސް ފިލާވަޅެއް ބުނެދީފިނަމަ، ކީރިތި ޤުރްޢާން ކިޔަވައި ދީފިނަމަ އެކަމުގެ ބިރު ބޮޑުވެގެން މިދަނީ ކިޔަވައި ދިނުމަކީ ކޮރޯނާ ވައިރަސް މާގަދައަށް ރުޅި އަންނަ ކަމަކީ ތޯއެވެ؟ 

މާލޭގެ ކެފޭއެއްގައި އިށީނދެ އިނދެގެން ކައިބޮއެ ހެދުން މަނަލެވެ. ނަމަވެސް ތަންތަނުން ގަނެގެން މަގުމަތީގައި ފުނިޖެހިގެން ތިބެ ކައި ބޮއި ހެދެއެވެ. 

މިކަންކަމަކީ ގިނަ ބައަކު ސުވާލު އުފައްދަމުން ގެންދާ ކަންކަމެވެ.

މިއަދު އޮންލައިން