ރިޒޯޓުތަކަށް މަސްވިއްކައިގެން ލިބޭ އާމްދަނީން ދިރިއުޅެމުން އައި މީހުންނަށް ވެސް ސަރުކާރުން ކޮރޯނާގެ ޙާލަތާއި ގުޅިގެން ދޫކުރާ މާލީ އެހީތެރިކަމަށް އެދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ މިޔުޒިކް ކުޅުމާއި އެނޫންވެސް މަސައްކަތްތައް ރިޒޯޓުތަކުގައި ކުރަމުން އައި އެންމެންނަށްވެސް ސަރުކާރުން ދޫކުރާ މާލީ އެހީއަށް އެދެވޭނެ ކަމަށެވެ. އެއިގެ ތެރޭގައި މަސްވެރިން ވެސް ހިމެނޭނެ ކަމަށެވެ.
މަސްވެރިނަށްވެސް މާލީ އެހީތެރިކަމަށް އެދެވޭނެ ކަމަށް ފައްޔާޒް ވިދާޅުވީ ކުދި ދޯނި ފަހަރުގައި މަސްވެރިކަންކޮށް ރިޒޯޓުތަކަށް ވިއްކައިގެން އާމްދަނީ ހޯދަމުން އައި ގިނަ ބައަކު، ރިޒޯޓުތައް ބަންދުކުރުމުން ކުރާނެ މަސައްކަތެއް ނެތި މިވަގުތު ތިބެންޖެހިފައިވުމުން ލިބިފައިވާ ނިކަމެތިކަން ބަޔާންކޮށް މިއަދުނޫހުން ކުރި ސުވާލެއްގެ ޖަވާބުގައެވެ.
ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް އަގުދޭނެ މައިސާ މިފްކޯގައި ނެތްކަމާއި އަގު އަދާކުރެވެން އޮތީ މަސްކޮޅު ބޭރަށް ވިއްކައި ފައިސާ ލިބިގެން ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވިއެވެ.