މުޢާޛް ބިން ޖަބަލް ރަޟިޔަﷲޢަންހްގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލް (ޞޢވ) ޙަދިޘް ކުރެއްވެވިއެވެ.
"ﷲ ތަބާރަކަ ވަތަޢާލާ އެ އިލާހުގެ ހުރިހާ ޚަލްޤްތަކުންގެ މައްޗަށް ޝަޢްބާން މަހުގެ ދެބައިވާ ރޭ ވޮޑިގެން ހުރިހާ ޚަލްޤްތަކުންގެ މައްޗަށް ފާފަ ފުއްސަވާނެތެވެ. ޝިރުކުކުރާ މީހާ އާއި އަދި އޭނާގެ މުސްލިމް އަޚާ އާއި ގުޅުން ކަނޑާލާފައިވާ މީހާ ފިޔަވައެވެ." (އިމާމް އަޢްޒާޢީ ރަޙިމަހުﷲ ވިދާޅުވެފައިވަނީ އެއީ މުސްލިމުންގެ ޖަމާޢަތުން ބޭރުވެފައިވާ ބިދުޢަވެރިޔާއެވެ!)

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވެސް ވަނީ މި ޙަދީޘްފުޅުގެ ޞައްހަކަން ޔަޤީންކޮށްދެއްވައިފައެވެ.
"ރޭ އަޅުކަން ކުރުމަކީ ކޮންމެ ރެއަކުވެސް ކުރަން އޮތް ކަމެކެވެ. މިފަދަ ޚާއްޞަ ރޭތަކުގައި (ފުރުޞަތުތަކުގައި) ﷲ ތަޢާލާ ފާފަ ފުއްސަވައި ދެއްވަވާ އަޅުންގެ ތެރޭގައި ތިމާ ހިމަނުއްވަވައި ދެއްވެވުން އެދި ދުޢާ ކުރުމަކީ މުހިންމު ކަމެކެވެ. މިސާލަތަށް ރޭ ތަކުގެ ތެރެއިން އެންމެ މަތިވެރިވެގެންވާ ރޭތައް ކަމުގައިވާ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި، އަދި ދުވަސްތަކުގެ ތެރެއިން އެންމެމަތިވެރިވެގެންވާ މުޙައްރަމް މަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކުގައި، އެދުވަހެއްގެ މައްޗަށް އިރުއެރި އެންމެ މާތް ދުވަސްކަމަށްވާ ހުކުރު ދުވަސް ފަދަ ދުވަސްތަކުގައި ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ!
ސުންނަތް ރޯދަ ހިފުންވެސް ގިނަކުރާށެވެ! ޝައުބާން މަހަކީ ވީހައި ގިނައިން ރޯދަ ހިފަން އޮތް މައްސަރެވެ. ވީމާ 13، 14، 15 ގައި ރޯދަ ހިފުމަކީވެސް ފާފަތައް ފުއްސަވައި ދެއްވެވުން އެދި ކުރަން ހުރި މުހިންމު ކަންކަމެވެ."
- ޝައިޚް އިބްރާހީމް ފަރީދު
މިއަހަރުގެ ޝަޢްބާންމަހުގެ 15 ވަނަ ދުވަސް ވަނީ ފާއިތުވެފައެވެ. 13، 14، 15 ގައި ރޯދަ ހިފަން ހަނދާންކޮށްދީ މިދިއަ އާދީއްތަ ދުވަހު މިއަދުނޫހގައި ވާނީ ލިޔުމެއް ލިޔެފައެވެ. ކިޔުންތެރިންގެ ގިނަ ބައަކު ވަނީ ކިޔައި އަދި އެލިޔުން ފައތުރައިވެސްފައެވެ.
މި ޙަދީޘްފުޅު މިއަދުނޫހާއި ޙިއްޞާ ކުރެއްވީ މިއަދުނޫހުގެ ކިޔުންތެރިއަކު މިއަދުއެވެ. ޝަޢްބާން މަހުގެ މެދު ފާއިތުވެ ދިއަ ނަމަވެސް މިލިޔުން ޝާއިޢު މިކުރީ އަންނަ އަހަރު މި ޙަދީޘްފުޅު ހަނދާންކޮށްދޭން ދުނިޔޭގައި ނުހުރެދާނެ ކަމަށްޓަކައެވެ. ދުނިޔޭގައި ހުރި ނަމަ އަންނަ އަހަރުވެސް އަންނަ އަހަރުވެސް ހަނދާންކޮށްދެން މަސައްކަތް ކުރާނަމެވެ. އިން ޝާ ﷲ