ބޭވަފާތެރިވެ، ސިއްރުކޮށް، އޮޅުވާލައި މަކަރު ހެދުމުން އެކަމުގެ ދެރަ ލިބޭނީ އެކަން ކުރި މީހަކަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ބޭވަފާތެރިވެ، ސިއްރުކޮށް، އޮޅުވާލައި މަކަރު ހެދުމުން އެކަމުގެ ދެރަ ލިބޭނީ އެކަން ކުރި މީހަކަށެވެ!

އަހަރެންގެ ޙަޔާތުގައި ލޯބިވީ ހަމައެކަނި އިންސާނާއެވެ! ތިބާ އާއި އަހަރެން ކައިވެނިކުރީ ހާދަ ގިނަ ވައުދުތަކެއް ތިބާ ވުމުންނެވެ. ހާދަ ވަރަކަށް ޔަޤީންކަން ދިނުމުންނެވެ. އަހަރެންނާއި ވަކިނުވާނެ ކަމަށެވެ. ބޭވަފާތެރި ނުވާނެ ކަމަށެވެ! ޢުމުރަށް އެކުގައި އުޅޭނެ ކަމަށެވެ. 

މިއަދު އެހުރިހާ ކަންކަން ވެފައި މިވަނީ ހަމައެކަނި މާޒީއަށެވެ! ތިބާގެ ފުށުން ފެންނަމުން މިދަނީ ތިބާގެ ކިބައިން ފެނިދާނެ ކަމަށް ކުރިން ހީވެސް ނުކުރެވި ހުރި ކަންކަމެވެ. ވީމާ އަހަރެން ބުނެލަން އޮތީ އެންމެ ވާހަކައެކެވެ. ކޮށްލަން ބޭނުމީ އެންމެ ސުވާލެކެވެ! 

ބޭވަފާތެރިވެފައި ސިއްރުކުރިއްޔާ ނޫނީ ފައުޅުކުރިއްޔާ ތިބާއަށް ވާނީ ކޮން މޮޅެއް ހެއްޔެވެ؟ ".....ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައި ވާހާކަމެއް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." އަލްމުލްކް ސޫރަތުގެ 13 ވަނަ އާޔަތުގައި މިފަދައިން ވަޙީކުރައްވަވާފައިވާކަން ތިބާއަށް އެނގޭ ހެއްޔެވެ؟ 

ވީމާ ތިބާ ތިއަކުރާ ކަންކަމަށް އަހަރެން އެއްވެސް ވަރަކަށް ކަންބޮޑެއް ނުވަމެވެ! ތިބާގެ ކިބައިން އެއްވެސް ކަމަކަށް ބޭނުމެއް ނޫނެވެ. އެއްވެސް ކަމަކަށް އެދޭކަށްވެސް ބޭނުމެއް ނޫނެވެ!  އަހަރެން ވާގިއެދޭނީ ﷲ ގެ ޙަޟްރަތުންނެވެ! ތިބާ ކުރާ ކަންކަމުގެ އިތުރުން ތިބާގެ ހިތުގައިވާ ކަންކަން ވެސް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. އަހަރެން މަސައްކަތްކުރާނީ ކެތްތެރިންގެ ތެރެއިންވުމަށެވެ. 

މިއީ އަހަރެންގެ ބައިވެރިޔާއަށް އަހަރެން ދިން ނޯޓެކެވެ! ބުނެލަން ބޭނުމީ މިނޯޓު ދިނުމުން ޙަޔާތުގެ ކަންކަން ބަދަލުވިކަމެވެ. އޭނާގެ ހިތަށް ރަޙްމް ވަދެ ކުށް ޤަބޫލުކޮށް އިޞްލާޙްވިކަމެވެ. މި ނޯޓު ހާމަކޮށްލީ އަހަރެން ކުރި ފަދައިން ހިތްދަތިކަން އިޙްޞާޞްކުރާ މީހުންނަށް ޢިބްރަތަކަށްވެދާނެ ކަމަށްޓަކައެވެ! 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން