އިސްލާމްދީނުގަ މިޔުޒިކް ކުޅުމަށް ކުޑަކުޑަ ފުރުސަތެއް އޮތް ނަމަވެސް އަޅުގަނޑު މިޔުޒިކް ކުޅުން ދޫކޮށެއް ނުލީމުސް: އަލީ ރަމީޒް

ކިޔުމަށް ހޭދަވާނީ 1މ 50ސ
އިސްލާމްދީނުގަ މިޔުޒިކް ކުޅުމަށް ކުޑަކުޑަ ފުރުސަތެއް އޮތް ނަމަވެސް އަޅުގަނޑު މިޔުޒިކް ކުޅުން ދޫކޮށެއް ނުލީމުސް: އަލީ ރަމީޒް

އަލީ ރަމީޒަކީ ކާކުކަން ނޭނގޭނެ ދިވެއްސެއް އަޅުގަނޑުމެންގެ ތެރޭގައި ނުހުންނާނެކަން ޔަގީނެވެ.

އެއަޑަކަށް އެތައް ބައެއްގެ ހިތްތައް ލަންބާލި އަލީ ރަމީޒަކީ ކުރިން ލަވައާއި މިޔުޒިކްގެ ދާއިރާގައި މުޅި ރާއްޖެއިން ވެސް އެންމެ ބޮޑު މައްޝޫރުކަމެއް ހޯދި އެކަކެވެ.

ނަމަވެސް އޭނާއަށް މާތް ﷲ ހެޔޮ ވިސްނުން ދެއްވާ، އެތަކެތިން ދުރުވުމަށް ހިތްވަރު ދެއްވިއެވެ. އަލީ ރަމީޒު ދެން ލަވަނުކިޔާނެކަމަށް ބުނުމުން އެއިރުވެސް ގިނަ މީހުންނަށް ޤަބޫލު ކުރެވުނީ އެއީ ދުވަސްކޮޅެއްގެ ކަމެއް ކަމަށާއި އޭނާ ލަވައިގެ ދުނިޔެއަށް އެނބުރިދާނެ ކަމަށެވެ.

ނަމަވެސް އެއަށްވުރެ މާޝާ-ﷲ އަލީ ރަމީޒުގެ އަޒުމް ވަރުގަދައެވެ.

ލަވަކިޔުން ދޫކޮށްލުމަށްފަހު ދީނީ އަޅުކަމަށް ސަމާލުވެ، އަރަބި ލިޔަންކިޔަންވެސް ދަސްކޮށް، މިސްކިތްތަކުގައި އަލީ ރަމީޒު ބަންގިވެސް ގޮވިއެވެ. އަދި މަދަޙަ ވެސް ކިޔައި އުޅުމުގެ އިތުރުން، މީހުން ހެޔޮ މަގަށް އެޅުވުމުގައި މަސައްކަތްކޮށް، މީހުންނަށް ނަސޭޙަތްތެރި ވެސް ވެއެވެ.

އެގޮތުން ވަރަށް ފަހުންވެސް އަލީ ރަމީޒް މިވަނީ ޒުވާނަކަށް ނަސޭޙަތްތެރިވެ، މިޔުޒިކާއި ދުރަށް އެޒުވާނާ ގެންގޮސް ތެދުމަގުުު ބުނެދީފައެވެ.

އަލީ ރަމީޒު މިރޭ އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މީގެ ދެތިން ދުވަސް ކުރިން ޒުވާނަކު އޭނާއަށް މެސެޖު ކޮށްފައި މިޔުޒިކް އިންސްޓްރޫމެންޓަކާއި ބެހޭގޮތުން ސުވާލު ކުރި ކަމަށެވެ. އަދި އެޒުވާނާއަށް އަލީ ރަމީޒު ވަރަށް ކުރު ޖަވާބެއް ވެސް ދިން ކަމަށެވެ. 

އެޒުވާނާއަށް އަލީ ރަމީޒު ދިން ޖަވާބު އޭނާ ހިމަނާފައެއް ނުވެއެވެ. ނަމަވެސް ބުނެފައިވަނީ، އޭގެ އަނެއް ދުވަހު އެޒުވާނާ އޭނާއަށް އަނެއްކާވެސް މެސެޖެއް ކުރި ކަމަށެވެ. ނަމަވެސް ފޮނުވާފައި ހުރީ ތިން ފޮޓޯއެކެވެ.

އެތިން ފޮޓޯތަކުން ފެންނަނީ އޭނާ ކުޅެން ގެންގުޅުނު ގިޓާތައް ބިންދާލުމަށްފަހު އޭގައި އަލިފާން ރޯކޮށްލާފައި ހުއްޓައެވެ. އަދި ކޮންމެ ފޮޓޯއެއްގެ ތިރީގައި ވެސް "އަލްޙަމްދުލިﷲ" ލިޔެފައިވާ ކަމަށެވެ.

"ޒުވާނުންނޭވެ. އިސްލާމްދީނުގައި މިޔުޒިކް ކުޅުމަށް ކުޑަކުޑަ ފުރުސަތެއް އޮތް ނަމަވެސް އަޅުގަނޑު މިޔުޒިކް ކުޅުން ދޫކޮށް ނުލީމުސް" އަލީ ރަމީޒުގެ އެޕޯސްޓުގައި ލިޔެފައިވެއެވެ.

މާތް ﷲ އަލީ ރަމީޒަށާއި އަޅަމެން އެންމެންނަށް އަބަދުވެސް ސީދާވެގެންވާ ތެދުމަގު ދައްކަވާ، ހެޔޮ ތަޢުފީޤު ދައްކަވާށި. އާމީން.

މިއަދު އޮންލައިން