ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ 46ސ
ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކޮށްފި!

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނު ކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ކުރިން އޮތް ގޮތުންނަމަ، ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މާދަމާއަށް ހަމަވެއެވެ. ނަމަވެސް މިހިނގާ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މިހާރު މިމުއްދަތުވަނީ އިތުރު ކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މިރޭ ސޮއިކުރައްވައި ނެރުއްވި ޤަރާރެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި، މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ކަމަށެވެ. އަދި ނުރައްކާ ކުޑަކޮށް، ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުފުޅުކުރެވޭ ކަމަށް ލަފާދެއްވާފައިވާ ކަމަށް ވެސް އެޤަރާރުގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު، މިހިނގާ އޭޕްރިލް މަހުގެ 30ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ހެލްތު ނެރުއްވި އެޤަރާރުގައި އިއުލާނު ކޮށްފައިވެއެވެ.

މިހާތަނަށް ރާއްޖެއިން ކޯވިދް-19 އަށް 19 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ތެރެއިން ދެ މީހަކު މިބައްޔަށް ޕޮޒިޓިވްވެފައި ހުރިކަން އެނގުނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ.

ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 13 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިހާރު މިބައްޔަށް ފަރުވާ ދެމުންދަނީ އެންމެ ފަހުން ކޯވިޑް-19 އަށް ޕޮޒިޓިވްވި ހަތަރު ދިވެހިންނެވެ. މިހަތަރު ދިވެހިންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެހީންނެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖެ އަންނަ ހުރިހާ ދިވެހިން ކަރަންޓީނު ކުރުމަށް ނިންމާފައެވެ. އަދި ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ކޯވިޑް-19 އަށް އެމީހުން އިތުރަށް ޓެސްޓު ކުރުމަށް ވެސް ނިންމާފައިވެއެވެ.

މިއަދު އޮންލައިން