އިސްލާމީ ޤައުމެއްގެ ޒުވާނެކެވެ. ފާއިތުވި ދޮޅު އަހަރުތެރޭ ވަޒީފާއެއް ލިބޭތޯ 800 ވަރަކަށް ސީވީ ފޮނުވި ޒުވާނެކެވެ.
ކޮރޯނާ ވައިރަސްއަށް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގައި އެގޭގެ އެންމެންގެ ސާމްޕަލް ނަގަންޖެހުނެވެ. ސާމްޕަލް ނަގައިގެން ނުކުންނަން ފެށުމުން ދެއަތް އުފުލާލާފައި ދުޢާ ކުރިއެވެ!
"ޔާ ﷲ! އަޅަމެން އެންމެން ކޮރޯނާގެ ނުރައްކަލުން ސަލާމަތްކޮށްދެއްވަވާނދޭވެ! މިއަޅާ ޕޮޒިޓިވްވި ނަމަވެސް މިއަޅާގެ މަންމަ ސަލާމަތްކޮށްދެއްވަވާނދޭވެ! އާމީން"
ނަތީޖާ ލިބުނީ 3 ދުވަސްފަހުންނެވެ. ގޭގެ އެއްވެސް މީހަކު ޕޮޒިޓިވެއް ނުވެއެވެ. އެއިގެ 1 ގަޑިއިރު ފަހުން ފޯނުކުރި މީހަކު ބުނީ އެ ޒުވާނާއަށް ވަޒީފާއެއް ހަމަޖެހިއްޖެ ކަމަށާއި ގޭގައި ހުރެގެން މަސައްކަތްކުރަންވީ ގޮތް އަންގާނެ ކަމަށެވެ!
ގިނަ ބައަކަށް ވަޒީފާތައް ގެއްލެމުންދާއިރު އޭނާއަށް ވަޒީފާއެއް ލިބުނީއެވެ! ﷲ މީހަކަށް ދެއްވަވަން މިންވަރު ކުރައްވަވައިފި ކަމެއް އެކަމުގެ ވަގުތު ޖެހުމުން ޙާޞިލުވެގެންދާނެއެވެ! އޭނާ ކުރި ދުޢާ އާއި ވަޒީފާ ލިބުމާއި ގުޅުވާކަށްވެސް ނެތީމެވެ. އެއީ އެއްވެސް މީހަކަށް އެނގޭނެ ކަމެއްވެސް ނޫނެވެ!
ބުނެލަން ބޭނުމީ މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އެކަމުގެ ދަރުމަ ދެދުނިޔޭގައިވެސް ﷲ ދެއްވަވާނެތެވެ! އެކަން ޔަޤީންކުރާށެވެ!
- ޢިބްރަތްތެރި ފިލާވަޅު