ސުވާލު އަމްރަށް ސާފުވެ ނުލައްވަނީތޯ؟ ސުވާލަކީ މާލޭގަ އަސާސީ ތަކެތި އެސްޓީއޯ އިން ވިއްކާއަގަށް ރާއްޖެތެރޭގަ ނުވިއްކަނީ ކީއްވެގެންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 58ސ
ސުވާލު އަމްރަށް ސާފުވެ ނުލައްވަނީތޯ؟ ސުވާލަކީ މާލޭގަ އަސާސީ ތަކެތި އެސްޓީއޯ އިން ވިއްކާއަގަށް ރާއްޖެތެރޭގަ ނުވިއްކަނީ ކީއްވެގެންތޯ؟

2 ރޭ މަތިން ދަރުބާރުގޭގައި މިއަދުނޫހުން ސުވާލުކޮށްފައިވާނީ މާލެ އާއި ރާއްޖެތެރޭގައި ތިބި ދިވެހި ރައްޔިތުންގެ ފައިސާ އިން ހިންގާ އެސްޓީއޯއިން މާލޭގައި ވިއްކާއަގަށް އަސާސީ ބާވަތްތައް ރާއްޖެތެރޭގައި ނުވިއްކަނީ ކީއްވެގެންތޯ؟ އެކަން ކުރެވޭނެ އިންތިޒާމު ނުހަނު ފަސޭހައިން ހަަމޖެއްސެން އޮތް އިރު އެކަން ނުކުރަނީ ކީއްވެގެންތޯއެވެ؟  

އެސްޓީއޯގެ ދައުރާއި އިކޮނޮމިކް މިނިސްޓްރީގެ ދައުރު މިއަދުނޫހަށް އޮޅިފައެއް ނުވެއެވެ. އަގުކޮންޓްރޯލުކުރުމަކީ އިކޮނޮމިކް މިނިސްޓްރީން ކުރާ ކަމެއް ކަމާއި އެއީ އެސްޓީއޯ އިން ކުރާ ކަމެއް ނޫންކަން ވަރަށް ސާފުކޮށް އެނގޭތީ އެކަމާއިމެދު ސުވާލު އުފެދޭ ގޮތަށް އެއްވެސް ސުވާލު އުފައްދާފައެއް ނުވާނެއެވެ.  

އެސްޓީއޯގައި ހިމެނޭ ދައުލަތުގެ ޙިއްޞާ ގައި ދިވެހި ހުރިހާ ރައްޔިތުން ހަމަހަމައެވެ. ވީމާ އެސްޓީއޯގެރ އެޖެންޓުން ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބިއިރު އެސްޓީއޯ އިން ވިއްކަން ބޭނުންވާ އަގަކަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ކޮންމެ މުދަލެއްވެސް ވިއްކުމުގެ ފުރުޞަތު މިހާރު އެބައޮތެވެ. އެއީ ހަމަ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ.  

ސަރުކާރުން އަގު ކޮންޓްރޯލުކުރަނީ އެ ބާވަތަކީ ވަރަށް މުހިންމު ބާވަތަކަށްވާތީއެވެ. ތައްޔިތުންގެ ޢާންމު ދިރިއުޅުމާއި ވަރަށް ގުޅުންހުރި، ކޮންމެހެން ހެޔޮ އަގުގައި ލިބެން ބޭނުންވާ ބާވަތަކަށްވާތީއެވެ. ރާއްޖެތެރޭގައި ތިބީ މިލިއަނަރުންނެއް ނޫނެވެ. ހަމަ ވަރަށް ނިކަމެތި ރައްޔިތުންނެވެ. ގިނަ ބައަކު ތިބީ ވަރަށް ފަޤީރު ނިކަމެތި ޙާލުގައެވެ.  

އެއްވެސް ޤައުމެއްގެ ސަރުކާރުން ރައްޔިތުންނަށް ވިއްކާ އެއްވެސް މުދަލެއް އެ ޤައުމެއްގެ ވަކި ސަރަހައްދެއްގައި ދިރިއުޅޭތީ ސަރުކާރުން ވިއްކާ އަގަށް ގަންނަން ނުލިބުމަކީ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫނެވެ. އެސްޓީއޯ އަކީ ކުންފުންޏެއް ނަމަވެސް ކުންފުނީގެ ނަމަށް އެސްޓީއޯ ކީ ނަމަވެސް މިދައްކަނީ ސަރުކާރުގެ ކުންފުންޏެއްގެ ވާހަކައެވެ. ރައްޔިތުންގެ ފައިސާއިން ހިންގާ ކުންފުންނެއްގެ ވާހަކައެވެ. ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަތްދޭން އުފައްދާފައިވާ ކުންފުންޏެއްގެ ވާހަކައެވެ. ހަމަހަމަކަމާއިއެކު ޚިދުމަތް ދިނުމަށް އުފައްދާފައިވާ ކުންފުންޏެއްގެ ވާހަކައެވެ.

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރުވެސް މާލޭގެ އިއްޒަތްތެރިން ކޯރާ ހަނޑުލުގެ ބަތް ފަރިއްކުޅުއްވަމުން ރާއްޖެތެރޭގެ ރައްޔިތުންނަށް އެންގީ މަގޫފަތްކާށެވެ! މިއަދު އެސްޓީއޯ އިން މާލޭގައި ދިރިއުޅުއްވާ ޢިއްޒަތްތެރިންނަށް ހެޔޮ އަގުގައި އަސާސީ ބާވަތްތައް ވިއްކާފައި ރާއްޖެތެރޭގައި ތިބި ރައްޔިތުންނަށް އެއަގުގައި ލިބޭނެ ގޮތް ހަމަނުޖެއްސުމުން ފެނިގެންދަނީ ނަސްލީ ތަފާތުކުރުމެވެ. ރައްޔިތުން ދަރަޖަ ކުރުމެވެ.  

މިއީ ރައްޔިތުން މިސަރުކާރަށް ވޯޓުދިންއިރު ހުވަފެނުން ވެސް ދެކެފައިވާ ކަމެއް ނޫނެވެ. ހުރިހާ ޚިދުމަތެއް މާލެ އާއި ރާއްޖެ ތެރެ އެއް އަގުކުރާނެ ކަމަށްވީ ވައުދަށް ރައްޔިތުން ވަނީ އިތުބާރުކޮށްފައެވެ. އެ ވައުދު ފުއްދަވަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރުވެސް ވަނީ ފެނާއި ކަރަންޓުގެ އަގަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި ލުއިތަކެއް ފޯރުކޮށްދެއްވައިފައެވެ.  

ވީއިރު އިޤްޠޮޞާދީ ގޮތުން ދުނިޔޭގެ ހުރިހާ ޤައުމުތަކެއް ފަދައިން ރާއްޖެވެސް މިފަދަ ދަތިހާލުގައިވާ ވަގުތެއްގައި އެސްޓީއޯއިން ވިއްކާ އަސާސީ ބާވަތްތައް މާލެ އާއި އެއް އަގެއްގައި ރާއްޖެތެރޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯ އިން ކުރަންޖެހޭނެ ކަމެކެވެ. އެކަން ނުކުރަން ދެއްކޭނެ އެއްވެސް ބަހަނާއެއް އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އޮތް ނަމަ ބަހަނާ ދެއްކުމުން ރައްޔިތުން ޖަވާބު ދޭނެއެވެ.  

ރައްޔިތުންނަށް މިފަދަ ބޮޑު ނިކަމެތި ކަމެއް ލިބިފައިވާ ވަގުތުގައި ކުރާ ސުވާލުތައް ފަހުމް ނުވާކަން ދޭހަވާ ގޮތަށް ބަސް ބުނެ ހަޤީޤަތް އޮޅުވައިލަން ބަހަނާ ދެއްކުމުގެ ބަދަލުގައި މައްސަލަ ހައްލުކުރަން އަވަސް ފިޔަވަޅުތަކެއް އަޅައި އެސްޓީއޯ އިން ވިއްކާ އަސާސީ ބާވަތްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް އެއް އަގެއްގައި ގަންނަން ލިބޭނެ ގޮތް ހަމަޖައްސައިދިނުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.  

މިއީ ރައްޔިތުންނަށް ސަރުކާރުގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ ވަގުތެވެ. ރައްޔިތުންގެ މެދުގައި އަދުލުވެރި ނުވެވިއްޖެ ނަމަ އެކަމަށް ޖަވާބުދާރީވާން ޖެހޭ ދުވަސް އޮތީ ކުރިއަށެވެ! ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަކީ އެކަމަސް ވިސްނަވާ ވެރިއެކެކެވެ. އެމަނިކުފާނަސް ބޭނުންފުޅުވަނީ ކަންކަން ކުރަން ތިބި ބައެއްގެ އިޚްލާޞްތެރިކަމެވެ. ކަންކަމަށް އިސްކޮށްފައި ތިބި މީހުންގެ ތެދުވެރިކަމެވެ. ޤާބިލުކަމެވެ.  

ލިލީ އެންޓަރޕްރައިޒަސް، ހެޕީމާކެޓް ފަދަ ރާއްޖޭގެ އަމިއްލަ ކުންފުނިތަކުންވެސް ޚިދުމަތް ދެމުން ގެންދަނީ އެއުޞޫލުންކަންވެސް ފާހަގަކުރެވެއެވެ!

މިއަދު އޮންލައިން