ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އަނބުރާ ޤައުމަށްދިޔަ ފަހުން ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އަށް ޕޮަޒިޓިވްވި ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއަން ފެލައިނީ އާއި ސީދާ ކޮންޓެކްޓްވި ތިން ދިވެހިންވެސް، އެބައްޔަށް ނެގަޓިވްވުމުން ދޫކޮށްލައިފިއެވެ.
ކޯވިޑް-19 އާއި ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތު ދެއްވަވާ ރައީސް އޮފީހުގެ އަންޑަ ސެކްރަޓަކީ މަބްރޫކް އަބްދުލްްއަޒީޒް މިރޭގެ ބައްދަލުވުމުގައި ވިދާޅުވީ ފެލައިނީއާ ކޮންޓެެކްޓުވި ކަމަށް ފާހަގަކުރެވިގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ތިބި ތިން މީހަކު މިއަދު ދޫކޮށްލާފައިވާ ކަމަށާއި އެމީހުން ދޫކޮށްލާފައިވަނީ ބައްޔަށް ޑަބަލް ނެގެޓިވްވުމުން ކަމަށެވެ.
މީގެއިތުރުން ބަނޑޮސް ކަރަންޓީނު ފެސިލިޓީ އާއި މަޑިވަރު ކަރަންޓީނު ފެސިލިޓީގައި ތިބި ޖުމްލަ 60 މީހަކު ވެސް މިއަދު ދޫކޮށްލާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މާދަމާ ވެސް 41 މީހެއްގެ ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭގެ ތެރެއިން ނަތީޖާ ނެގެޓިވްވާ މީހުން ދޫކޮށްލާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ދޫކޮށްލި މީހުންގެ އިތުރުން މޮނީޓަރިންގެ ޙާލަތުގައި އޮތް 4 ރިސޯޓަކާއި 19 ސަފާރީއެއްވެސް އެ ހާލަތުން ދޫކޮށްލާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.