އިހަވަންދިއްޕޮޅު ތަރައްޤީކުރުމަށް ސަރުކާރާއި އެސްޓީއޯ އަދި ސަރޙް ގްރޫޕާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 46ސ
އިހަވަންދިއްޕޮޅު ތަރައްޤީކުރުމަށް ސަރުކާރާއި އެސްޓީއޯ އަދި ސަރޙް ގްރޫޕާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ އެންމެ އުތުރުގެ އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހި ސަރުކާރާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި އަބޫދާބީގެ ސަރޙް ގްރޫޕް ފޮރ ޓެކްނިކަލް ސަރވިސަސް އެލްއެލްސީ (ސަރޙް ގްރޫޕް) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ރާއްޖޭގެ އުތުރުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓް ޚިދުމަތްތައް ހިމެނޭ ގޮތަށް ޕޯޓު ޒޯނަކާއި، ލޮޖިސްޓިކްސް އަދި އިޤްތިޞާދީ މައި މަރުކަޒެއް ޤާއިމުކުރުމަށް ރާއްޖެއިން ޒަމާނުއްސުރެ ދެކެމުން އައި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި، ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. އެސްޓީއޯގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޝިމާދު އިބްރާހީމް ސޮއިކުރެއްވި އިރު، ސަރޙް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަޙްމަދު އިބްރާހީމް ޢަލީ މުޙައްމަދު އަލްމުތާވާއެވެ. ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ އަބޫދާބީއަށް ނިސްބަތްވާ ސަރޙް ގްރޫޕަކީ 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނަރޖީ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ޙަރަކާތްތެރިވަމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އަދި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެވަޑައިގެންފައިވާ ވަޢުދެކެވެ. މީގެ އިތުރުން "ވިޝަން 2040" ގެ ދުރު ރާސްތާ އިޤްތިޞާދީ ތަޞައްވުރުގެ ދަށުން، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް އެޅޭ ބިންގަލެއް ވެސް މެއެވެ. ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރުގެ މައި މަގެއް ކަމަށްވާ 8-ޑިގްރީ ޗެނަލްއާ ކައިރީގައި އިހަވަންދިއްޕޮޅު އޮތުމަކީ، މެރިޓައިމް އަދި ލޮޖިސްޓިކްސް ވިޔަފާރިތަކަށް ރާއްޖޭގެ ޖިއޮގްރަފީގެ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށް ލިބޭ ބޮޑު ފުރުޞަތެކެވެ.

މި މަޝްރޫޢުގެ ދަށުން ބައިނަލްއަޤްވާމީ ފެންވަރުގެ ކޮމާޝަލް ބަނދަރަކާއި، މެރިޓައިމް އަދި ސިނާޢީ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ޤާއިމުކުރުމުގެ އިތުރުން، ފަތުރުވެރިކަމާއި އެހެނިހެން ޚިދުމަތްތައް އެކުލެވޭ ގޮތަށް އެ ސަރަޙައްދު ތަރައްޤީކުރެވޭނެއެވެ. މީގެ ސަބަބުން ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކުގައި އިޤްތިޞާދީ ޙަރަކާތްތައް ފުޅާވެ، ބައިނަލްއަޤްވާމީ ވިޔަފާރީގެ ވިއުގައިގައި ރާއްޖޭގެ ދައުރު ވަރުގަދަވެގެންދާނެއެވެ.

ފާއިތުވި އަހަރުތަކުގައި އެކި ސަރުކާރުތަކުން އިހަވަންދިއްޕޮޅު ތަރައްޤީކުރުމަށް މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، މިއަދު ވެވުނު އެއްބަސްވުމަކީ މި ތަޞައްވުރު ޙަޤީޤަތަކަށް ހަދައި ޢަމަލީ މަސައްކަތް ފެށުމަށް އެޅުނު ހަރުދަނާ ފިޔަވަޅެކެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ޤައުމާއި ރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކޮށް، ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މަންފާ ލިބޭނެހެން މި މަޝްރޫޢު ކުރިއަށް ގެންގޮސް، 2040 އާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމެވެ.

މިއަދު އޮންލައިން