ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ފެނިގެން އެކަހެރިކުރި 63 މީހެއްގެ ޓެސްޓުތައް ނެގެޓިވް ވުމާއެކު އެމީހުން ދޫކޮށްލައިފިއެވެ.
ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ މިމީހުން ދޫކޮށްލާފައިވަނީ ކޮންމެ މީހަކުވެސް ދެފަހަރު ޓެސްޓުކޮށް ނަތީޖާ ނެގެޓިވްވުމުންކަމަށެވެ.
ދޫކޮށްލި މީހުންގެ އިތުރުން މޮނީޓަރިންގެ ޙާލަތުގައި އޮތް 4 ރިސޯޓަކާއި 19 ސަފާރީއެއްވެސް އެޙާލަތުން ދޫކޮށްލާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޯވިޑް-19އަށް ޝައްކު ކުރެވިގެން މިއަދު 16:00އާ ހަމައަށް ރާއްޖެއިން ނަގާފައިވަނީ ޖުމުލަ 1793 ސާމްޕަލެވެ. އޭގެތެރެއިން މިބައްޔަށް ޕޮޒިޓިވްވެފައިވަނީ ޖުމުލަ 19 ސާމްޕަލެވެ. އަދި 1774 ސާމްޕަލްވަނީ ނެގެޓިވްވެފައެވެ. ނަތީޖާ ނުލިބޭ އެއްވެސް ސާމްޕަލެއް މިވަގު ނެތްކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.
ރާއްޖޭގެ އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު 12 މީހަކު އެބަތިއްބެވެ. އަދި ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 852 މީހެކެވެ.