އީމާންތެރިކަން އިސްކުރޭ! ކޮރޯނާގެ ސަބަބުން ލިބޭ އާމްދަނީ މަދުވުމުން މާޔޫސްވާއިރު އަބަދު އެއްވަރަށް ލިބޭނެ ކަމަށް ބުނީ ކާކު ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
އީމާންތެރިކަން އިސްކުރޭ! ކޮރޯނާގެ ސަބަބުން ލިބޭ އާމްދަނީ މަދުވުމުން މާޔޫސްވާއިރު އަބަދު އެއްވަރަށް ލިބޭނެ ކަމަށް ބުނީ ކާކު ހެއްޔެވެ؟

ކޮރޯނާގެ ސަބަބުން މުޅި ދުނިޔޭގެ އިޤްޠިޞާދު ހީނަރުވެއްޖެއެވެ. އެވަރުގަދަ ޑޮލަރު ޖަހާ އެމެރިކާގައި 7 މިލިއަނަށްވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލިއްޖެ ކަމުގެ ޚަބަރުތައް ލިބެއެވެ. އެމެރިކާގައި އެގޮތަށް އެކަން ވެގެން އެދިއައީ އެ ޤައުމުގެ ޤަވާއިދުތައް އޮންނަ ގޮތުންނެވެ. ކުންފުންޏަށް އާމްދަނީ ނުލިބޭނަމަ މުސާރަ ނުދިނުމުގެ ބާރު ކުންފުނިތަކަށް ލިބިދީފައި އޮންނާތީއެވެ. 

ބައެއް އަންދާޒާތަކުން ދައްކާ ގޮތުން އެމެރިކާގައި 47 މިލިއަން މީހުންގެ ވަޒީފާ ގެއްލޭނެއެވެ. 67 މިލިއަން މީހުންގެ ވަޒީފާއަށް ބިރުއެބައޮތެވެ. 

މުސްލިމް ޤައުމުތަކުގައި ޙާލަތު ތަފާތެވެ. މިހާރުވެސް މުސްލިމް ޤައުމުތަކުން ގެންދަނީ މުވައްޒިފުން ވަކި ނުކުރުމަށް ބާރު އަޅައި ކުންފުނިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ގޮތުން ސައުދީގައި މިހާރުވެސް ވަނީ އަމިއްލަ ކުންފުނިތަކުގެ މުވައްޒިފުންގެ ކުރިއަށް އޮތް 3 މަސް ދުވަހުގެ މުސާރައިގެ 60 އިންސައްތަ ސަރުކާރުން ދީފައެވެ. އަދި އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރުމަށް ދަނީ އަންގަމުންނެވެ. 

މިމައުލޫމާތާއިއެކު މިރޭ ބުނެލަން ބޭނުންވަނީ މުޅި ދުނިޔެ މިފަދަ ބޮޑު ކަންބޮޑުވުމެއްގައިވާ ވަގުތު ތިމާއަށް ލިބޭ އާމްދަނީ މަދުވުމުން މާޔޫސް ނުވާށެވެ! ކޮންމެ ދުވަހަކު އެއް ވަރަކަށް ނުވަތަ ލިބޭ އާމްދަނީ އަބަދުވެސް ދާނީ އިތުރުވަމުން ކަމަށް ބަލައިގެން ނުވާނެއެވެ! މަދުން ލިބޭ ދުވަހާއި އަދި އެއްގޮތަކަށްވެސް ނުލިބޭ ދުވަސްވެސް އަންނާނެ ކަމަށް ޤަބޫލުކުރަންވާނެއެވެ! 

ޢުމުރުގެ މިހައިތަނަށް ލިބުނު އާމްދަނީއަށް ޝުކުރުވެރިވާށެވެ! ޙާލަތު ބަދަލުކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! ތަޤްވާވެރިކަން އިތުރުކޮށް އަޅުކަންކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ "ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި" ކަމަށް ވަޙީކުރައްވަވާފައިވާ ބަސްފުޅުން ހިތްވަރު ލިބިގަންނާށެވެ! އެއިރުން ﷲ ތަޢާލާގެ ރަޙްމަތްފުޅު ދާނީ އިތުރުވަމުންނެވެ. 

މުސްލިމުންނަކީ ﷲ ތަޢާލާ ކުރިމަތިކުރައްވަވާ މުޞީބާތްތަކަށް މާޔޫސްވެގެންވާނެ ބައެއް ނޫނެވެ! ކުރިމަތި ކުރެއްވެވީ އިމްތިޙާނެއް ކަމަށް ޤަބޫލުކޮށް އިމްތިޙާނުން ފާސްވާން މަސައްކަތްކުރަން ޖެހޭނެ ބައެކެވެ. ތަގްވާވެރިކަން އިތުރުކުރާށެވެ! ތައުބާވުން ގިނަކުރާށެވެ! މައްސަލަތައް އެމީހަކަށް ނުވެސް ވިސްނޭހައި ގޮތްގޮތުން ޙައްލުކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން