ޖަނަވަރީ 1، 2020ގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތަކަށް ވެސް މި ދުވަސްވަރު ޚިދުމަތްތައް ދޭން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އަންގައިފިއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން މިއަދު ބުނީ އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ހިފައިގެން ދިއުމުން ހިދުމަތް ފޯރުކޮށްދޭންވާނެ ކަމަށެވެ.
މިގޮތަށް އަމަލު ކުރަމުން ގެންދާނީ ޖޫން މަހުގެ 30 ވަަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ވަނީ ބުނެފައެވެ.
އާސަންދަ ކުންފުނިން ވެސް ބުނެފައިވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، އާސަންދަ ހިދުމަތް ދޭ ހުރިހާ މަރުކަޒަކުން ވެސް، ބަލި މީހާގެ އައިޑީ ކާޑު އަތުގައި ނެތިއްޖެ ހާލަތެއްގައި، އެފަދަ އެހެން ލިޔެކިޔުމަކުން ހިދުމަތްދޭނެ ކަމަށެވެ.
އަދި އައިޑީ ކާޑުގެ ކޮޕީ ނުވަތަ ލައިސަންސް ކާޑާއި ޕާސްޕޯޓު ފަދަ އައިޑީ ކާޑު ނަންބަރު ފެންނަން އޮންނަ ލިޔުމެއް ނުވަތަ އެފަދަ ލިޔުމެއްގެ ފޮޓޯ ހުށަހަޅައިގެން، އާސަންދަ ޕޯޓަލްއިން ޗެކްކޮށް ވެރިފައި ކުރުމަށްފަހު އާސަންދަ ހިދުމަތް އެ މީހަކަށް ލިބިދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށް ވެސް އާސަންދަ ކުންފުނިން ބުނެފައިވެއެވެ.