ވ.ކެޔޮދޫ އިން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސަކު ފެނިއްޖެއެވެ. އަދި މިކަމާއި ގުޅިގެން އެ ރަށަށް އަރައި ފޭބުން ވަގުތީ ގޮތުން މިހާރުވަނީ މަނާ ކޮށްފައެވެ.
ކޮވިޑް-19 އާ ގުޅިގެން މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ ކެޔޮދޫ އިން މިބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސަކު ފެނުމާ ގުޅިގެން އެ ރަށް މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
އެރަށް މޮނީޓަރިންގެ ހާލަތުގައި އޮންނާނީ އެ މީހާގެ ޓެސްޓުގެ ނަތީޖާ ލިބެންދެނެވެ.
މީގެއިތުރުން ކޮންސްޓެންސް މޫފުށި ރިސޯޓުން ކޮވިޑްގެ އަލާމާތްތަކެއް ހުރި ދިވެއްސަކާއި ބިދޭސީއަކު ފެނުމާ ގުޅިގެން އެ ރިސޯޓު ވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް 19 މީހަކު މިބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން 13 މީހަކު ވަނީ މިބަލިން ރަނގަޅު ވެފައެވެ.