އޯލެވެލް ހަދާ ދަރިވަރުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދޭން ކެމްބްރިޖާއެކު މަޝްވަރާކުރަނީ!

ކިޔުމަށް ހޭދަވާނީ 1މ 22ސ
އޯލެވެލް ހަދާ ދަރިވަރުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދޭން ކެމްބްރިޖާއެކު މަޝްވަރާކުރަނީ!

މިއަހަރު އޯލެވެލް އިމްތިހާނު ހަދާ ދަރިވަރުންނަށް ރަނގަޅު ގޮތްތަކެއް ހޯދާދިނުމަށް ކެމްބްރިޖު ޔުނިވަރސިޓީއާއެކު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން މަޝްވަރާކުރަން ފަށައިފިއެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުމާއެކު ސަރުކާރާއި ތަޢުލީމް އުނގަންނައިދޭ ހުރިހާ ތަނެއް ވަނީ ބަންދުކޮށްފައެވެ. ސްކޫލްތަކުގައި ކިޔަވައިދިނުން މަޑުޖައްސާލަފައި އޮންނަތާ މިހާރު ވަނީ 4 ހަފްތާވެފައެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ ހިންގުމާއި ހަވާލުވެހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އިޙްސާން ވިދާޅުވީ، މިއަހަރު ކެމްބްރިޖް އޯލެވެލް ހަދަންތިބި ދަރިވަރުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ކެމްބްރިޖް ޔުނިވަރސިޓީއާއެކު މަޝްވަރާކުރުން ކުރިއަށްދާކަމަށާއި، ނަމަވެސް މިހާތަނަށް އަދި ހައްލެއް ހޯދިފައި ނުވާކަމަށެވެ.

އިޙްސާން ވިދާޅުވީ، ކެމްބްރިޖު ޔުނިވާސިޓީއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އެ ޑިޕާޓްމަންޓްގެ ފަރާތުން ގޮތްތަކެއް ހުށައަޅާފައިވާކަމަށެވެ. އެގޮތުން އަންނަ އަހަރަށް އޯލެވެލް އިމްތިހާން ފަސްކުރުމަކީ އެއްގޮތްކަމާއި ނަމަވެސް އެކަމަށް އަދި ގޮތެއް ނިންމާފައިވާނުވާކަމަށެވެ. އަދި މިނޫން އިތުރު ގޮތްތަކެއް ޔުނިވަރސިޓީއަށްވެސް ހުށައަޅާފައިވާކަަމަށާއި، ނަމަވެސް އަދި އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެކަމަށެވެ.

އިޙްސާން ވިދާޅުވީ، ޔުނިވަރސިޓީއާއި މަޝްވަރާކުރުމަށްފަހު، ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުންނަށް ގެއްލުން ކުޑަވާނެ ނިންމުމެއް ހޯދައިދޭނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.

މިއަހަރު އޯލެވެލް އިމްތިހާން ރާއްޖެއިން ގާތްގަނޑަކަށް 5000 އަށްވުރެ ގިނަ ދަރިވަރުން ހަދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މިއަދު އޮންލައިން