އިޤްތިޞާދީ ތަދުމަޑުކަމުގެ ދުވަސްވަރު ހަނދާނުގައި ބަހައްޓަން ޖެހޭ 5 ކަމެއްވެއެވެ.
1. ތަދުމަޑުކަމަކީ އިމްތިހާނެކެވެ
و لنبلونكم بشيئ من الخوف و الجوع و نقص من الأموال و الأنفس و الثمرات و بشر الصابرين
ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިހާނުކުރައްވާ ހުށީމެވެ. އެއީ ބިރުވެރިކަމާއި (الخوف) ބަނޑުހައިހޫނުކަމުގެ (الجوع) ގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި(الأموال) ފުރާނަތަކާއި (الأنفس) މޭވާތައް (الثمرات) އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ. (البقرة:155)
އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ. مَا يُصِيبُ الْمُؤْمِنَ مِنْ وَصَبٍ وَلَا نَصَبٍ وَلَا هَمٍّ وَلَا حَزَنٍ وَلَا أَذًى وَلَا غَمٍّ، حَتَّى الشَّوْكَةُ يُشَاكُهَا، إِلَّا كَفَّرَ اللهُ مِنْ خَطَايَاهُ އެ މީހަކަށް ވަރުބަލިކަމެއް، ދާއިމީ ތަދެއް، ހިތްދަތިކަމެއް، ހިތާމައެއް، އުނދަގުލެއް އަދި ގިލަންވެރިކަމެއް ކުރިމަތިވެ، އެކަންކަމަށް އޭނާ ކެތްތެރިވެއްޖެނަމަ، އަދި އެންމެ ކުޑަމިނުން ގަޔަށް ކައްޓެއްހެރުމުން (އެކަމާއި ކެތްތެރިވެއްޖެނަމަ) އެކަމުގެ ސަބަބުން މާތްﷲ އެމީހެއްގެ ކުއްފާފަތައް ނުފުއްސަވާނޭ މުއުމިނަކު ނުވެއެވެ. މުޞީބާތްތަކަށް ކެތްކުރުމާއެކު، މާތް ﷲއަށް ވަކީލުކޮށް ދިރިއުޅުމާއިގެން ކުރިއަށްދިޔުމަށް އިސްލާމްދީން ބާރުއަޅައެވެ.
2. އިސްރާފުކުރުން މުޅިން ހުއްޓާލުމާއިއެކު ހޭދަކުރުމުގައި ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަން އިސްކުރަންވާނެއެވެ.
قَالَ تَزْرَعُونَ سَبْعَ سِنِينَ دَأَبًا فَمَا حَصَدتُّمْ فَذَرُوهُ فِي سُنبُلِهِ إِلَّا قَلِيلًا مِّمَّا تَأْكُلُونَ (47
”ވިދިވިދިގެން ހަތް އަހަރުވަންދެން ތިޔަބައިމީހުން ގޮވާންކުރާ ހުށިކަމެވެ! އަދި ތިޔަބައިމީހުން ކަނޑާ ގޮވާމެއް، ކުރާގަނޑުގައި ބަހައްޓާށެވެ! ކެއުމަށް ބޭނުންކުރާ މަދު އެތިކޮޅެއް މެނުވީ އެވެ.“
3. ޙާލަތު ބަދަލުވެގެންދާނެކަމަށް އުއްމީދު ކުރަން ވާނެއެވެ.
ކަންކަމާމެދު ރަނގަޅަށް ވިސްނުމަކީ ﷲ އާމެދު ހެޔޮކޮށް ހީކުރުމެވެ. ނަބިއްޔާ ﷺ އެކަމަށް ލޯބިކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. «وَيُعْجِبُنِي الفَأْلُ» قَالُوا: وَمَا الفَأْلُ؟ قَالَ: «كَلِمَةٌ طَيِّبَةٌ» [متفق عليه] މާނައީ: “އަދި ތިމަންކަލޭގެފާނަށް ހެޔޮ ފާލަ ނުހަނު ކަމުދެއެވެ. (ހެޔޮފާލައަކީ ﷲ ތަޢާލާގެ ޙަޟްރަތުން ހެވާއި ރަޙްމަތަށް އުންމީދުކޮށް ބުނާ ބަސްބަހެވެ.) (ޞަޙާބީ ބޭކަލުން) ދެންނެވިއެވެ. ހެޔޮ ފާލައަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެއީ ހެޔޮވެގެންވާ ރިވެތި ކަލިމައެވެ.”ކޮންމެ ޙާލަތެއްގައިވެސް ﷲ އާ މެދު ހެޔޮކޮށް ހީކުރުމަށް މުސްލިމުންނަށް އަމުރުވެވިގެންވެއެވެ. ކަންކަމާމެދު ސުންޕާކޮށް ދެކުމަކީ ﷲ އާމެދު ނުބައިކޮށް ހީކުރުމެވެ.
______________________________________
4. އައު ހުނަރުތައް ދަސްކުރާށެވެ.
އޮފީސް ތައް ބަންދުވެ، ކިޔެވުން މެދުކެނޑިފައިވުމާއެކު، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ވަރަށް ގިނަ ހުސްވަގުތު މި ވަނީ ލިބިފައެވެ.
މި ހުސްވަގުތުތައް ބޭކާރު ކޮށްނުލާ، ތިބާ ގެ ކެރިޔަރުގައި ކުރިޔަށް ދާން ބޭނުންވާ ހުނަރުތައް ފާހަގަކޮށް، އެ ހުނަރުތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރާށެވެ. ހުސް ވަގުތު ގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ދީނީ ގޮތުން ވެސް އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ކަމެކެވެ. ((نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ ، الصِّحَّةُ ، وَالْفَرَاغُ)) [رواه البخاري] މާނައީ: ގިނަ ބަޔަކަށް އޭގެ އަގު ވަޒަންނުކުރެވޭ (އެއަށް ފަރުވާކުޑަކުރެވޭ) ދެ ނިޢުމަތެއްވެއެވެ. އެއީ ޞިއްޙަތާއި ހުސްވަގުތެވެ.”. ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ. ((مِنْ حُسْنِ إِسْلَامِ الْمَرْءِ تَرْكُهُ مَا لَا يَعْنِيهِ)) [حديث حسن رواه الترمذي وغيره] ”
5. ތިމާއާއި ނުބެހޭ ކަންކަމުން ދުރުވެގަތުމަކީ މީހާގެ އިސްލާމްކަމުގެ ފުރިހަމަކަމުގެ ތެރެއިންވާ ކަމެކެވެ.
މިހަދީސް ޝަރަޙަކޮށްދެއްވަމުން އަލްޢައްލާމާ ޢަބްދުލްމުޙްސިން އަލްޢައްބާދު ވިދާޅުވެފައިވެއެވެ.
“ތިމާއާއި ނުބެހޭ ކަންކަމުންނާއި ބޭކާރު ކަންކަމުން ދުރުވެގަތުމަކީ ހިތަށްލިބިދޭ ހިތްހަމަޖެހުމެކެވެ. އަބުރަށްލިބިދޭ ސަލާމަތްތެރިކަމެކެވެ. މި ޙަދީސްގައި ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް މުސްލިމުންނަށް ބާރުއަޅުއްވާފައިމިވަނީ ތިމާއާއި ނުބެހޭ ކަންކަމުންނާއި އަދި އެކަންކަމުން ތިމާއަށް ދުނިޔޭގައިވެސް ނުވަތަ އާޚިރަތުގައިވެސް ފައިދާއެއްނުކުރާ ކަންކަމުން ދުރުވެގަތުމަށެވެ. އަދި ދުނިޔޭގައި ނުވަތަ އާޚިރަތުގައި ފައިދާކުރާ ކަންކަމުގައި މަޝްޣޫލްވެގަތުމަށެވެ.”
جابر رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم حَديث ކުރެއްވިއެވެ.
مَا مِنْ مُسْلِمٍ يَغْرِسُ غَرْساً إلاَّ كانَ مَا أُكِلَ مِنْهُ لهُ صَدَقَةً، وَمَا سُرِقَ مِنْه لَه صدقَةً، وَلاَ يرْزؤه أَحَدٌ إلاَّ كَانَ لَهُ صَدَقَةً
އެއްވެސް މުސްލިމަކު ގަހެއް އިންދައިފިނަމަ، އެ ގަހަކުން ކެވޭ ކޮންމެ ކެއުމަކީ އޭނާއަށްޓަކައިވާ ޞަދަޤާތެއް ކަމުގައި ނޫނީ ނުވެނުދާ ހުއްޓެވެ. އެ ގަހުން ވަގަށް ގެންދެވޭ ކޮންމެ އެއްޗަކީ އޭނާއަށްޓަކައިވާ ޞަދަޤާތެއް ކަމުގައި ނޫނީ ނުވެނުދާހުއްޓެވެ. އަދި މީހަކު އެއަށް ގެއްލުންދީފިނަމަ، އެއީވެސް އޭނާއަށްޓަކައިވާ ޞަދަޤާތެއް ކަމުގައި ނޫނީ ނުވެނުދާހުއްޓެވެ.
މި ހަދީސް ރިވާކުރެއްވީ އިމާމު މުސްލިމެވެ.
الحافظ ابن حجر رحمه الله އެކަލޭގެފާނުގެ ފޮތް بذل الماعون في فضل الطاعون ގައި ވިދާޅުވެފައި ވެއެވެ. ތާޢޫން ގެ ހަތަރު ފައިދާއެއް ވެއެވެ. تقصير الأمل، تحسين العمل، يقظة من الغفلة، تزود للرحلة (ދުނިޔެވީ އުއްމީދުތައް މަދުވުން. ޢަމަލު ތައް ފުރިހަމަ ވުން. ޣަފްލަތް ތެރިކަމުން ހޭލެވުން. ދަތުރަށް( އުޚްރަވީ ޙަޔާތަށް ) ކޮއްތު ތައްޔާރުކުރުން.
( ވަބާ އެތަނެއްގައި ފެތުރިއްޖެ ހިނދު މި ޙަދީޘްތަކުގައި ދެމިހުންނާށެވެ.)
ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ.
«( لَيسَ مِنْ رَجُلٍ يَقَعُ الطَّاعُونُ، فَيَمْكُث فِي بَيتِهِ صَابِرًا مُحْتَسِبًا يَعْلَمُ أَنَّهُ لَا يُصِيبُه إلَّا مَا كَتَبَ اللهُ لَهُ؛ إلِّا كَانَ لَهُ مِثْلُ أَجْرِ الشَّهِيدِ ) رواه البخاري 3474 أحمد 26139
އެމީހަކު ހުރި ތަނެއްގައި ޠާޢޫންބަލި ފާޅުވުމުން ކެތްތެރިކަމާއި އެކު އޭނާގެ ގޭގައި ްޤާއިމްވެ ހުރުމުގެ އިތުރުން ﷲ އެމީހާގެ މައްޗަށް ލިޔުއްވާފައިވާ ކަމެއް މެނުވީ ކުރިމަތި ނުވާނެކަން ދެނެހުރެ އެކަމުގެ ޢަޖުރާއި ޘަވާބަށް އެދޭ ކޮންމެ މުއުމިނަކަށް ޝަޙީދެއްގެ ޢަޖުރު ނުލިބި ނުދާ ހުއްޓެވެ. الحافظ ابن حجر رحمه الله (ت852) ވިދާޅުވެފައި ވެއެވެ.
( މި ޙަދީޘްގައި ) ޛިކުރު ވެވިގެންވާ ސިފަތައް އެމީހެއްގެ ކިބައިގައި ވެއްޖެ ކޮންމެ މީހަކަށް އެމީހަކު އެ ބަލީގައި މަރު ނުވި ކަމުގައި ވީނަމަވެސް ޝަހީދެއްގެ ޢަޖުރު ލިބޭނެ ކަމަށް މި ޙަދީޘްގެ ލަފުޒުން ދަލީލު ކުރެ އެވެ.
(މިއީ އިޤްތިޞާދީ ތަދުމަޑުކަމުގެ ދުވަސްވަރު ހަނދާނުގައި ބަހައްޓަން ޖެހޭ 5 ކަމެއް ބަޔާންކުރައްވައި މުޙައްމަދު މާއޫން ޢިލްމް.އެމްވީ ގައި ހާމަކުރައްވާފައިވާ 5 ކަންތަކެވެ.)