ލަކްސް ނޯތް މާލެ އެޓޯލް ރިސޯޓުން ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އަށް ދިވެއްސެއް ޓސްޓު ކުރުމުގެ މަސައްކަތް ފަށާ، އެރިސޯޓު ލޮކްޑައުން ކޮށްފިއެވެ.
ކޯވިޑް-19 އާއި ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑަ ސެކްރަޓަރީ މަބްރޫކް އަބްދުލްއަޒީޒް މިރޭ ވިދާޅުވީ އެމީހާގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މިހާރު އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ކަމަށާއި މޮނީޓަރިންގެ ހާލަތުގައި އޮންނައިރު އެ ރިސޯޓަށް އަރައި ފޭބުމަކީ މަނާކަމެއް ކަމުގައެވެ.
މީގެއިތުރުން މަބްރޫކް ވިދާޅުވީ ލަކްސް ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، ރާއްޖެ އައިސްފައިވާ ކާގޯ އުޅަނދަކުން ބިދޭސީއަކު ބައްޔަށް ޝައްކު ކުރެވޭތީ އެ އުޅަނދު ވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 16 އަށް އަރާފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ އޭގެ ތެރެއިން ތިން މީހަކަށެވެ.