ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކޮރޮނާ ވައިރަސް ނުވަތަ ކޯވިޑް-19 ޕޮޒިޓިވްވީ ދިވެއްސެއް ނޫންކަން ޔަގީންވެފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފިއެވެ.
މިކަމާއި ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް މިރޭ ވިދާޅުވީ ޔޫއޭއީ އިން ޕޮޒިޓިވްވީ ދިވެއްސެއް ނޫންކަން މިހާރު ޔަގީން ކުރެވިފައިވާ ކަމަށެވެ.
މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވެފައިވަނީ ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ދިވެއްސެއް ކަމަށް ބުނެ ފޮނުވާފައިވާ ނަމަކީ އީސްޓަން ޔޫރަޕިއަން ނަމެއް ކަމަށެވެ. އަދި ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ފޮނުވާފައިވާ އެ ނަމަކީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ނަމެއް ނޫން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ޔޫއޭއީގެ ހެލްތު މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހުގެރޭ ވަނީ 50 މީހަކު އެގައުމުން އެ ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ހާމަކޮށްފައެވެ. އެމީހުން ނިސްބަތްވާ ގައުމުތައް އާންމުކުރިއިރު ރާއްޖެ ވެސް އޭގެތެރޭގައި ހިމެނިފައިވާ ކަމަށް ބައިނަލްއަގްވާމީ ބައެއް ޚަބަރުތަކުގައި އެއިރު ލިޔެފައިވެއެވެ. ނަމަވެސް އެއީ ދިވެއްސެއް ނޫންކަން ދިވެހި ސަރުކާރުން މިރޭވަނީ ޔަގީންކަން ދެއްވާފައެވެ.