ރާއްޖޭގައި އިއްޔެ ޕޮޒިޓިވްވި ދިވެހި މީހާގެ ޙާލު ރަނގަޅު ކަމަށާއި މިހާރު އޭނާ ވެލިދޫ ރިޒޯޓަށް ބަދަލުކުރެވިފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުން މިމަހުގެ 22 ވަނަ ދުވަހު ރާއްޖެ އައި މި މީހާ ޕޮޒިޓިވްވިކަން އެނގުނީ ކުދި ޢަލާމާތްތަކެއް 25 ވަނަ ދުވަހު ފެނުމުން ކުރި ޓެސްޓުގެ ނަތީޖާ އިއްޔެ ލިބުމުންނެވެ.
މަބްރޫކް ވިދާޅުވީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއިން ޢަމަލުކުރަމުން ގެންދާ ގޮތާއިމެދު ބައިނަލްއަޤްވާމީ ފަރާތްތަކުގެ އިތުބާރު އެބައޮތް ކަމަށެވެ. ރާއްޖޭގައި ބަލި ނުފެތުރި ހިފެހެއްޓެމުން މިދަނީ (ﷲ ގެ ވާގިފުޅާއިއެކު) އެކަމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުން ކަމަށެވެ.