ކޯވިޑް-19އާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ ފުރަތަމަ ބެޗް ރާއްޖެއާ ޙަވާލުކޮށްފިއެވެ.
ޗައިނާގެ ފަރާތުން މިއެހީ ޙަވާލުކޮށްދެއްވީ އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖެންގްލީ ޖޮންގެވެ. މިއެހީއާ ރާއްޖޭގެ ފަރާތުން ޙަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ.
ޗައިނާއިން ފޯރުކޮށްދިން އެހީގެ މަޢުލޫމާތު ނޫސްވެރިންނާ ޙިއްސާކުރައްވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، މިއެހީއަކީ ދެޤައުމުގެ ދެމެދުގައި މަޝްވަރާކޮށް އެކުލަވާލި އެހީގެ ލިސްޓުން މިވަގުތައް ބޭނުންވާ އެންމެ މުހިންމު އެހީކަމަށެވެ. މިއެހީއަކީ ޗައިނާއިންދޭ އެހީގެ ފުރަތަމަ ބެޗްކަން ސިފަކުރައްވައި ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ، މި ފަހަރުގެ އެހީގައި ހިމެނެނީ ދިހަ ހާސް އަށްޑިހަ، މެޑިކަލް ޕްރޮޓެކްޓިވް މާސްކާއި ތިރީސްހާސް ސާޖިކަލް މާސްކާއި ދިހަ ހާސް ސިންގަލް ޔޫސް އަންގިއާއި ފަސް ސަތޭކަ ސްޓެސްކޯޕާއި، ދުއިސައްތަ ގޮގްލް އަދި ރައްކާތެރިވުމަށް އަޅާ ފޭރާމުގެ ފަސް ސަތޭކަަ ފޭރާމެވެ.
މީގެއިތުރުން ޗައިނާއިން މިހާރު ޤާއިމުކޮށްފައިވާ އޮންލައިން ކޯވިޑް-19، ނޮލެޖް ސެންޓަރުގެ އެހީއާއެކު އާންމުން ހޭލުންތެރިކޮށް މަޢުލޫމާތު ދިނުމަށް ނިންމާފައިވާކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދުވަނީ ރާއްޖެއަކީ ބޭރު ޤައުމުތަކުގެ އެހީއަށް ބަރޯސާވާ ޤައުމަކަށްވާއިރު، މިހާރު ކޮށްފައިވާ މަސައްކަތުން ރާއްޖެއަށް ބޭނުންވާ އަސާސީ އެހީ މެދުކެނޑުމެއްނެތި ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާކަން ހާމަކުރައްވާފައެވެ. ދުނިޔެއާ ގުޅުން ކަނޑާލައިގެން ރާއްޖެއިން ނޯންނާނެކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދުވަނީ މިހާރުވެސް އެމަނިކުފާނު ދިވެހިންނަށް މިވަގުތު ބޭނުންވާ އެހީއަށާއި ރައްކާތެރިކަމަށް އެ ޤައުމުތަކުގެ ވެރިންގެ ކިބައިން އެދިވަޑައިގެންފައިވާކަން ހާމަކުރައްވާފައެވެ.
"މިއެހީގެ ދަށުން މާސްކާއި ސްޓެރައިލް އަންގި ގޮގްލް އަދި ރައްކާތެރިވުމަށް އަޅާ ފޭރާން ހިމެނޭ. މީގެ އިތުރުންވެސް ދެން ހުރި އެހީ ކުރިއާށް އޮތްތަނުގައި ފޯރުކޮށްދޭނެ. ރާއްޖޭއިން މިދަނީ ފިލިޕީންސް އިންޑިއާފަދަ ޤައުމުތަކާއެކު ރާއްޖެއަށް ބޭނުންވާ އަސާސީ އެހީ މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖެންގް ލީ ޖޮންގް ވިދާޅުވީ، މިފަހަރުގެ އެހީ އައުމުގައި ލަސްތަކެއް މެދުވެރިވީ ރާއްޖެއަށް އަންނަ ޗައިނާ ފްލައިޓްތައް ކެންސަލްކޮށް ދަތުރުފަތުރުކުރުމުގައި ހުރި ދަތިކަމުގެ ސަބަބުންކަމަށެވެ.
މިފަހަރުގެ އެހީގެ އިތުރުން ރާއްޖެއާއި މަޝްވަރާކޮށް ހަދާފައިވާ ލިސްޓްގައި ހިމެނޭ ބައެއް ތަކެއްޗަކީ ޗައިނާގެ މާކެޓްގައިވެސް މަދުވެފައިވާ ތަކެތިކަމުން މިތަކެތި އުފެއްދުމަށްފަހު އެ އެހީ ރާއްޖެއަށް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ޗައިނާ ސަފީރުދެއްވިއެވެ. މީގެ ތެރޭގައި ވެންޓިލޭޓަރު ފަދަ ތަކެތި ހިމެނޭއިރު ރާއްޖޭގައި މަސައްކަތްކުރާ ޗައިނާ ކުންދުނިތަކުންވެސް ރާއްޖެއަށް ތަފާތު އެހީތަށް ވެދިނުމަށް ނިންމާފައިވާކަން ވަނީ ހާމަކުރައްވާފައެވެ. އަދި ރާއްޖޭގެ ޙާލަތައް އަންނަ ބަދަލަށް ބެލުމަށްފަހު މި އެހީތައް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ސަފީރު ދެއްވިއެވެ.
"މިއީ ފުރަތަމަ ބެޗް. މި ފަހަރުގެ އެހީގެ އިތުރުން ރާއްޖެއާއި މަޝްވަރާކޮށް ހަދާފައިވާ ލިސްޓްގައި ހިމެނޭ ބައެއް ތަކެއްޗަކީ ޗައިނާގެ މާކެޓްގައިވެސް މަދުވެފައިވާ ތަކެތި އެބަހުރި. މިސާލަކަށް ވެންޓިލޭޓަރު. މިތަކެތި އުފެއްދުމަށްފަހު އެ އެހީ ރާއްޖެއަށް ފޯރުކޮށްދޭނަން." ޗައިނާ ސަފީރު ޖެންގް ލީ ޖޮންގް ވިދާޅުވިއެވެ.