ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާއި ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި ޚިލާފަށް ޝީޝާ އަދި ކާބޯތަކެތީގެ ޚިދުމަތް ދިން ފަސް ކެފޭއެއް ޖޫރިމަނާ ކޮށްފިއެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރަން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ރެސްޓޯރަންޓުތަކުގައި ޝީޝާ ބުއިމާއި އަދި މާލެ ސަރަހައްދުގެ ރެސްޓޯރެންޓުތަކުގައި ކެއުން ބުއިމުގެ ހިދުމަތް މެދުކަނޑާލަން ވަނީ އަންގާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާލުވީ އެ އެންގުމާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތް ދީގެން މިދިޔަ އާދީއްތަ އަދި އަންގާރަ ދުވަހު ޖުމްލަ ތިން ކެފޭއެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ޝީޝާގެ ހިދުމަތް ދީގެން މި މަހުގެ 20 ވަނަ ދުވަހު ދެ ކެފޭއެއް ޖޫރިމަނާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި ފަސް ތަން ވެސް ޖޫރިމަނާކޮށްފައިވަނީ 5000 ރުފިޔާ އިން ކަމަށް ފުލުހުން ބުނެއެވެ.