އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ފަރާތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އަށް ގެމްބިއާ އިން ހުށަހެޅި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ހޯދައިދިނުމުގެ މައްސަލައަށް ދިވެހި ރާއްޖެއިން ތަދައްޙުލްވުމަށް ނިންމަވާފައިވާ ވާތީ މި މައްސަލައިގައި ރާއްޖެއިން ގެމްބިއާގެ މަޝްވަރާ އާއި އިރުޝާދު ހޯދަމުންގެންދާނެކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ގެމްބިއާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، އިންޓަނޭޝަނަލް ކޯޕަރޭޝަން އެންޑް ގެމްބިއަންސް އެބްރޯޑް ހިޒް އެކްސެލެންސީ ޑރ. މަމަޑޫ ޓަންގާރާ އަށް ފޯނުން ގުޅުއްވައި، މަޝްވަރާކުރައްވައި ދެއްކެވިވާހަކަފުޅުގައެވެ.
ޑރ. މަމަޑޫ ޓަންގާރާ އާއި ޝާހިދު ދެއްކެވި ވާހަކަފުޅުގައި ގެމްބިއާ އިން ހުށަހެޅި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ހޯދައިދިނުމުގެ މައްސަލައަށް ދިވެހި ރާއްޖެއިން ތަދައްޙުލްވުމަށް ނިންމަވާފައިވާ ނިންމުމަށް ވަނީ އަލިއަޅުވާލެއްވިއެވެ. މި މައްސަލައަކީ މުހިއްމު މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަމަށާއި، މިމައްސަލައިގައި ގެމްބިއާ އާއެކު ދިވެހިރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި މިމައްސަލައިގައި ރާއްޖެއިން ކުރިއަށްގެންދާ ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންދިޔުމުގައި ގެމްބިއާގެ މަޝްވަރާއާއި އިރުޝާދު ހޯދަމުން ގެންދަވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދު އެރުވިއެވެ.
މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ގެއްލެމުންދާ މައްސަލައަކީ ދިވެހިރާއްޖެއިން އަބަދުވެސް ކަންބޮޑުވުން ފާޅުކޮށް ވަކާލާތު ކުރަމުންދާ މައްސަލައެއްކަމަށާއި، މިމައްސަލައަށް ރާއްޖެއިން ތަދައްޚުލުވީ އެމަސައްކަތުގައި އިތުރަށް ޢަމަލީގޮތުން ބައިވެރިވުމުގެ މަޤްޞަދުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ހޯދައިދިނުމަށް ގެމްބިއާ ސަރުކާރާއި އޯ.އައި.ސީއިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، އެކަމަށް މިނިސްޓަރ ޝާހިދު ވަނީ ހިތްވަރު ދެއްވާފައެވެ.